English Edition
Dhivehi Edition
ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ޓޮޓެންހަމް ހޮޓްސްޕާ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޓުވިޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ގަރެތު ބޭލް އެނބުރިއައި މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑާ 3-3 އިން ޓޮޓެންހަމް ހޮޓްސްޕާ އެއްވަރުވިއިރު، ލެސްޓާ ސިޓީ އަތުން 1-0 އިން މޮޅުވެ އެސްޓަން ވިލާ އިން ސައްތައިގެ ރެކޯޑަކާއެކު ދެވަނަ އަށް ޖެހިލައިފިއެވެ.

ރޭގެ ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އަދިވެސް އުޅެނީ އެވަޓަން އެވެ. އެވަޓަން އަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އޮތީ ވިލާ އެވެ. ތިންވަނައިގައި 10 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު، ނުވަ ޕޮއިންޓާއެކު ލެސްޓާ އޮތީ ހަތަރުވަނައިގައެވެ. ފަސްވަނައިގައި އޮތް އާސެނަލަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ލެސްޓާ އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ.

ޓޮޓެންހަމް ސްޓޭޑިއަމްގައި ރޭ ކުޅުނު ލަންޑަން ޑާބީގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި އެ ޓީމުން ވަނީ ތިން ލަނޑުގެ ލީޑެއްނަގާފައެވެ. ރޭގެ މެޗު ފެށިގެން އެއްވަނަ މިނެޓުގައި ޓޮޓެންހަމުން ލީޑްނެގީ ހެރީ ކޭން ދިން ބޯޅައަކުން ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން-މިން އެވެ. އޭގެ ހަތް މިނެޓުފަހުން، ޓޮޓެންހަމްގެ ދެވަނަ ލަނޑުޖަހައިދިނީ ކޭން އެވެ. އަދި މެޗުގެ 16 ވަނަ މިނެޓުގައި ސްޕެއިނުގެ އަރަމުން އަންނަ ފުލްބެކް ސާޖިއޯ ރެގީލޯން ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ކޭން ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.

ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބޭލް އަށް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައިވާއިރު، ކޭން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.

ލެސްޓާ ސިޓީއާ އެސްޓަން ވިލާ ބައްދަލުކުރި މެޗުގެ ތެރެއިން. –ފޮޓޯ: ޓުވިޓާ

ޓޮޓެންހަމުން މޮޅުވާނެކަމުގެ ޔަގީންކަމުގައި ތިއްބާ، ވެސްޓް ހޭމުން މެޗު ނިމެން އަށް މިނެޓަށްވެފައިވަނިކޮށް ފަރަގު ކުޑަކޮށްދިނީ ފަބިއެން ބަލްބުއެނާ އެވެ. އޭގެ ތިން މިނެޓުފަހުން، ޓޮޓެންހަމްގެ ޑިފެންޑަރު ޑެވިންސަން ސަންޗޭޒް އަތުން ބައިކޮޅަށް ވަތް ގޯލަކުން ވެސްޓް ހޭމުން ފަރަގު އިތުރަށް ކުޑަކުރިއިރު، މެޗުގެ އިތުރުވަގުތުގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ އާޖެންޓީނާގެ މިޑްފީލްޑަރު މެނުއެލް ލަންޒީނީ އެވެ. ޕެނަލްޓީއޭރިޔާ ބޭރުން ލަންޒީނީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ލީގުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އަނެއް މެޗުގައި ލެސްޓާގެ ދަނޑުގައި 1-0 އިން ވިލާ މޮޅުވި މެޗުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ރޮސް ބާކްލޭ އެވެ. މި މެޗުގައި އަނިޔާގެ ސަބަބުން ލެސްޓާގެ ޖެމީ ވާޑީ އާއި ސަގްލާ ސޮޔުންޗޫ ނުކުޅޭއިރު، ޖޭމްސް މެޑިސަން ވެސް ފެށީ ބެންޗުންނެވެ.

ރޭގެ މެޗުގައި ލެސްޓާ އަށް ލަނޑުޖަހާނެ މާ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރެވިފައިނުވާއިރު، ލިބުނު މަދު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ވިލާގެ ގޯލްކީޕަރު އެމީލިއާނޯ މާޓިނޭޒް މަތަކުރިއެވެ. ވިލާ އިން ލީޑްނެގުމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ފަހު ހާފުގައި ކުޅެން ނިކުތް ބާޓްރަން ޓްރައޯރޭ ފޮނުވާލި ބޯޅަ ލެސްޓާގެ ކީޕަރު ކެސްޕާ ޝޫމެއިކަލް މަތަކުރިއެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ޝެފީލްޑް ޔުނައިޓެޑްގެ ދަނޑުގައި 1-1 އިން ފުލަމްއާ އެއްވަރުވިއިރު، ބްރައިޓަން ހޯވް އެންޑް އެލްބިއަންއާ ދެކޮޅަށް ކްރިސްޓަލް ޕެލަސް ކުޅުނު މެޗު ނިމުނީ ވެސް ހަމަ އެ ނަތީޖާއިންނެވެ.