English Edition
Dhivehi Edition
ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ ދެމީހުން --

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން 2020 އޮކްޓޯބަރު 12 ވަނަ ދުވަހު ހިންގި އޮޕަެރޭޝަނެއްގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެގޮތުން ފުލުހުން ބުނީ އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ބެލެވޭ ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ)ގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށްގެންދިއުމަށް 15 ދުވަސް ދީފައިވާ ކަމަށެވެ.

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި އެ އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށްފައިވާއިރު، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި އެ އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއްވެސް ބަލައިފާސްކޮށްފައިވެއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި މިހާތަނަށް ވަގުތީ ބަރުދަނުގައި 130 ކިލޯހުރި މަސްތުވާތަކެތި ހޯދާފައިވާ ކަމަށާއި، އޭގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ.