English Edition
Dhivehi Edition
ރޭގެ މެޗުގައި ރެއާލް މެޑްރިޑް ކޮޅަށް ލަނޑުޖެހުމަށްފަހު ކާޑިޒްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ލަލީގާ.ކޮމް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ވާދަވެރި ބާސެލޯނާ ބަލިވިއިރު، އެތުލެޓިކޯ މެޑްރިޑް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި އަލަށް ޕްރޮމޯޓުވީ ކާޑިޒް އަތުން 1-0 އިން ރެއާލް ބަލިވިއިރު، ރަށުން ބޭރުގައި ގެޓަފޭ އަތުން ބާސެލޯނާ ބަލިވީ ވެސް ހަމަ މިނަތީޖާއިންނެވެ. ލީގުގައި ވޭތުވެދިޔަ ދެ މެޗުގައި މޮޅެއްނުހޯދި ނިންމާލަންޖެހުނު އެތުލެޓިކޯ އިން ސެލްޓާ ވިގޯ ބަލިކުރީ 2-0 އިންނެވެ.

ރޭގެ ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އުޅޭ ރެއާލަށް 10 ޕޮއިންޓް ލިބިފައިވާއިރު، ތާވަލްގެ ދެވަނައިގައި އޮތް ގެޓަފޭ އާއި ތިންވަނައިގައި އޮތް ކާޑިޒްގެ އިތުރުން ހަތަރުވަނައިގައި އޮތް ގްރަނަޑާ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ރެއާލަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. އެތުލެޓިކޯ އުޅެނީ 8 ޕޮއިންޓާއެކު ހަވަނައިގައެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ގަދަފަދަ ބާސެލޯނާ އޮތީ ނުވަވަނައިގައެވެ.

ރެއާލްގެ އެސްޓާޑިއޯ އަލްފްރެޑޯ ޑި ސްޓެފާނޯގައި ރޭ ކުޅުނު މެޗުގައި ޖެހި ހަމައެކަނި ލަނޑު، 16 ވަނަ މިނެޓުގައި ކާޑިޒް އަށް ކާމިޔާބުކޮށްދިނީ އެންތަނީ ލޮޒާނޯ އެވެ. އޭގެކުރީން، ރެއާލަށް ލީޑްނަގައިދިނުމަށް ކަރީމް ބެންޒެމާ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ކާޑިޒްގެ ކީޕަރު ލެޑެސްމާ މަތަކުރިއެވެ. އޭގެފަހުން، ފުރަތަމަ ހާފު ނިމެންދަނިކޮށް އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ (ކ) އަތުން ބޯޅަ ހޯދަން ގެޓަފޭގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. –ފޮޓޯ: ލަލީގާ.ކޮމް

ދެވަނަ ހާފަށް ނިކުތްއިރު ރެއާލުން ބަދަލުތަކެއް ގެނެސްފައިވާއިރު، އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޮސް ވަނީ އަނިޔާވެގެން ބަދަލުކޮށްފައެވެ. ރާމޮސްގެ ބަދަލުގައި ކުޅެން ނިކުތީ އެޑާ މިލިޓާއޯ އެވެ. މި ހާފުގައިވެސް ކާޑިޒް އިން ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވާއިރު، ރެއާލަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް ވިނީޝަސް ޖޫނިއާގެ އިތުރުން ލުކާ ޔޮވިޗަށް ލިބުނު ފުރުޞަތުތައްވެސް ވީ ބޭކާރެވެ. އޭގެފަހުން، މެޗު ނިމެންދަނިކޮށް ބެންޒެމާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ކާޑިޒްގެ ކީޕަރު ލެޑެސްމާ އެވެ.

ގެޓަފޭގެ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގެ ހަމައެކަނި ގޯލް، ފަހު ހާފުގެ ކުޅުން ފެށިގެން 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ޖެއިމީ މަޓާ އެވެ. މިއީ އެ ޓީމުގެ ޖޭނޭ ޑަކޮނަމް އަށް ބާސެލޯނާގެ މިޑްފީލްޑަރު ލޫކް ޑި ޔޮން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

އޭގެކުރީން، ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑްނަގައިދިނުމަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް ވަނީ ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާގެ ވާތް ފަރާތުގައި ހުރެ މެސީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ. އޭގެފަހުން، މި ހާފު ނިމެން ދަނިކޮށް މެސީ ފޮނުވާލި ބޯޅަ ގެޓަފޭގެ ކީޕަރު ޑޭވިޑް ސޮރިއާ މަތަކުރިއެވެ. މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް މި ހާފުގައި ކުޅެން ނިކުތް އަންސޫ ފާޓީގެ އިތުރުން މެޗު ނިމެން ދަނިކޮށް މެސީ އަށް ލިބުނު ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ.

ލީގުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ސެލްޓާ އަތުން 2-0 އިން އެތުލެޓިކޯ މޮޅުވިއިރު ގްރަނަޑާ ވަނީ 1-0 އިން ސެވިއްޔާ ބަލިކޮށްފައެވެ. ރޭގެ މެޗުގައި އެތުލެޓިކޯގެ ލަނޑުތައް ޖަހައިދިނީ ލުއިސް ސުއަރޭޒް އާއި ޔަނިކް ފެރޭރާ ކަރަސްކޯ އެވެ. މިއީ އެ ޓީމަށް ބަދަލުވެ މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ސުއަރޭޒް ޖެހި ތިންވަނަ ގޯލެވެ.