އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ވާދަވެރި އެވަޓަންއާ ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކުޅުނު މެޗު އެއްވަރުވެގެން ނިމުނުއިރު، މެންޗެސްޓާ ސިޓީ އާއި ޔުނައިޓެޑް ކުޅުނު މެޗުން މޮޅުވެއްޖެއެވެ.
އެވަޓަންގެ ދަނޑުގައި 2-2 އިން ލިވަޕޫލް އެއްވަރުވިއިރު، ސިޓީ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން އާސެނަލް ބަލިކޮށްފައެވެ. ރަށުން ބޭރުގައި ޔުނައިޓެޑް ވަނީ ނިއުކާސަލް ޔުނައިޓެޑް އަތުން 4-1 އިން މޮޅުވެފައެވެ.
ރޭގެ މެޗުތަކަށްފަހު، ތާވަލްގެ އެއްވަނައިގައި އަދިވެސް އުޅެނީ އެވަޓަން އެވެ. އެވަޓަން އަށް ކުޅުނު ހަތް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ލިވަޕޫލެވެ. ފައިދާ ގޯލްގެ ތަފާތުން ނުވަ ޕޮއިންޓާއެކު މިވަގުތު ތިންވަނައިގައި އޮތީ އެސްޓަން ވިލާ އެވެ. ހަމަ މި އަދަދަށް ލެސްޓާ ސިޓީގެ އިތުރުން އާސެނަލަށް ޕޮއިންޓް ލިބިފައިވެއެވެ. ސިޓީ ވަނީ ރޭގެ މޮޅާއެކު ހަތަރު މެޗުން ހަތް ޕޮއިންޓް ހަމަކޮށް ލީގުގެ ނުވަވަނަ އަށް ޖެހިލާފައެވެ. ހަ ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ 14 ވަނައިގައެވެ. މި ފަހަރުގެ ސީޒަނަށް ބޮޑު ހޭދައެއްކުރި ޗެލްސީ އޮތީ 8 ޕޮއިންޓާއެކު ހަވަނައިގައެވެ.
ލިވަޕޫލުން ރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ ނުކުޅެއެވެ. އެލިސަންގެ ބަދަލުގައި އެ ޓީމުގެ ގޯލް ބެލެހެއްޓީ ލީގުގައި އެންމެ ފަހުން ވިލާ އަތުން 7-2 އިން ބަލިވި މެޗުގައި ކުޅުނު ގޯލްކީޕަރު އެޑްރިއަން އެވެ. ރޭގެ މެޗަށް ނިކުތްއިރު އެ ޓީމަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާއިން ރަނގަޅުވެ ކެޕްޓަން ޖޯޑަން ހެންޑަސަންގެ އިތުރުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ތިއާގޯ އަލްކަންތާރާ އާއި ސަޑިއޯ މާނޭ އެ ބަލިން ރަނގަޅުވެ ފުރަތަމަ އެގާރައިގައި ހިމެނިފައިވުމެވެ.
އެވަޓަންގެ ގުޑިސަން ޕާކްގައި އިއްޔެ ހަވީރު ކުޅުނު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ލިވަޕޫލަށް ލީޑްނަގައިދިނީ ސެނެގޯލްގެ ފޯވާޑް މާނޭ އެވެ. މިއީ އެ ޓީމުގެ ފުލްބެކް އެންޑްރޫ ރޮބަޓްސަން ތަނަވަސްކުރި ފުރުޞަތަކުން މާނޭ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗުގެ 19 ވަނަ މިނެޓުގައި އެވަޓަން އަށް ނަތީޖާ ހަމަހަމަކޮށްދިނީ މައިކަލް ކީން އެވެ. މިއީ އެ ޓީމުގެ ކޮލަމްބިއާ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ކީން ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މި ހާފުގެ ކުރީކޮޅު ލިވަޕޫލްގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކްގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ކުރީކޮޅު އެވަޓަން އަށް ލީޑްނަގައިދިނުމަށް ބްރެޒިލްގެ ފޯވާޑް ރިޗާލިސަން އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. ލިވަޕޫލަށް ދެވަނަ ފަހަރަށް ލީޑްނަގައިދިނީ މެޗުގެ 72 ވަނަ މިނެޓުގައި މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. މިއީ އެވަޓަންގެ ޑިފެންޑަރު ޔެރީ މީނާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ސަލާހު ކާމިޔާބުކުރި ގޯލެކެވެ. މި ގޯލާއެކު ސަލާހު ވަނީ ލިވަޕޫލަށް 100 ލަނޑުހަމަކޮށްފައެވެ.
މެޗު ނިމެން ނުވަ މިނެޓަށްވެފައިވަނިކޮށް އެވަޓަން އަށް ދެވަނަ ފަހަރަށް އެއްވަރުކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އިނގިރޭސި ފޯވާޑް ޑޮމިނިކް ކެލްވަޓް-ލެވިން އެވެ. މިއީ އެ ޓީމުގެ ފްރާންސް ފުލްބެކް ލޫކާ ޑީނިއޭ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ކެލްވަޓް-ލެވިން ކާމިޔާބުކުރި ގޯލެކެވެ. އެވަޓަން އަށް މައްސަލަތައް ކުރިމަތިވީ މެޗުގެ އެންމެ ފަހު މިނެޓުގައި ލިވަޕޫލްގެ ތިއާގޯ އަށް ކުރި ފައުލަކާ ގުޅިގެން ރިޗާލިސަން ސީދާ ރަތެއް ދެއްކުމުންނެވެ. އެވަޓަންގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި އިތުރުވަގުތުގައި ލިވަޕޫލްގެ ކެޕްޓަން ހެންޑަސަން ގޯލެއް ކާމިޔާބުކުރިއެވެ. ނަމަވެސް، ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެ ބޯޅަ ހެންޑަސަން އަށް ލިބުމުގެ ކުރީން މާނޭ އޮފްސައިޑް މަގާމެއްގައި ހުރިކަމަށް ނިންމައި، އެ ގޯލް ބަލައިނުގަންނަން ނިންމާފައެވެ.
ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ބެލްޖިއަމްގެ ހުނަރުވެރި މިޑްފީލްޑަރު ކެވިން ޑިބްރޭނާ އާ ނުލައި ކުޅުނު މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ރަހީމް ސްޓާލިން އެވެ. މިއީ އެ ޓީމުގެ ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން ޖެހި ބޯޅައެއް އާސެނަލްގެ ގޯލްކީޕަރު ބާންޑް ލެނޯ އަތުގައި ޖެހިފައި ނިކުތް ވަގުތު ދެވަނަ ފަހަރަށް އެ ބޯޅަ ސްޓާލިން އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ރޭގެ މެޗުގައި އާސެނަލަށް އެއްވަރުކޮށްދިނުމަށް ނިކޮލަސް ޕެޕޭ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއިރު، އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ ބުކާޔޯ ސާކާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ސިޓީގެ ކީޕަރު އެޑަސަން މޮރައެސް އެވެ. ސިޓީގެ ލީޑް ފުޅާކުރުމަށް ރިޔާދް މާރޭޒް އާއި ފޯޑެން އަށް ލިބުނު ފުރުޞަތުތަކުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ. ރޭގެ މެޗުގައި އަނިޔާއަށް ފަހު ކުޅުމަށް އެނބުރިއައި ސިޓީގެ އިތުބާރު ފޯވާޑް ސާޖިއޯ އަގުއޭރޯ އަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއްނުވެއެވެ.
ސެއިންޓް ޖޭމްސް ޕާކްގައި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ނިއުކާސަލް އިންނެވެ. މިއީ އެ ޔުނައިޓެޑްގެ ފުލްބެކް ލޫކް ޝޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އޭގެފަހުން މެޗުގެ 19 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ނަތީޖާ ހަމަހަމަކުރިނަމަވެސް، ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެ ގޯލް ބަލައިނުގަންނަން ނިންމީ އެ ފުރުޞަތު ތަނަވަސްކޮށްދިން ހުއާން މަޓާ އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ. އޭގެ ހަތަރު މިނެޓުފަހުން، ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ކާމިޔާބުކުރި ގޯލާއެކު ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 13 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑްނަގަން ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. އެ ޓީމުގެ ފޯވާޑް މާކަސް ރަޝްފޯޑަށް ނިއުކާސަލްގެ ޖަމާލް ލުވިސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ބްރޫނޯ ފޮނުވާލުމުން ނިއުކާސަލްގެ ކީޕަރު ކާލް ޑާލޯ މަތަކުރިއެވެ. އެ ހިތްދަތިކަން ފިލުވާލުމަށްފަހު ފެނާންޑޭސް ވަނީ މެޗުނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ. އޭގެފަހުން، މެޗުގެ އެންމެ ފަހު މިނެޓުގައި އާރޮން ވަން-ބިސާކާ އާއި އިތުރުވަގުތުގައި ރަޝްފޯޑް ޖެހި ގޯލާއެކު ޔުނައިޓެޑުން ވަނީ މުހިއްމު ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.
ލީގުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އަނެއް މެޗުގައި ސްޓެމްފޯޑް ބްރިޖްގައި ސައުތެމްޓަނާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ރޭގެ މެޗުގެ ފުރަތަމަ 30 މިނެޓުގެ ތެރޭގައި ޖަރުމަނުގެ ހަލުވި ފޯވާޑް ޓިމޯ ވާނާ ކާމިޔާބުކުރި ދެލަނޑާއެކު ޗެލްސީން ދެލަނޑުގެ ލީޑަކާއެކު ފުރަތަމަ ހާފު ނިމެންދަނިކޮށް ޑެނީ އިންގްސް ވަނީ ސައުތެމްޓަނަށް ފަރަގު ކުޑަކޮށްދީފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 12 ވަނަ މިނެޓުގައި ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލަގާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ސައުތެމްޓަނަށް އެއްވަރުކޮށްދިނީ ޗޭ އެޑަމްސް އެވެ. ކެޕާ މި މެޗުގައި ކުޅުނީ ޗެލްސީން މި ފަހަރުގެ ސީޒަނަށް ގެނައި ސެނެގޯލްގެ ކީޕަރު އެޑޮއާޑް މެންޑީ އަނިޔާގައި ހުރުމުންނެވެ. ސައުތެމްޓަނުން އެއްވަރުކުރިތާ ދެ މިނެޓުފަހުން ވާނާ ތަނަވަސްކުރި ފުރުޞަތަކުން ކާއީ ހަވާޓްޒް ވަނީ ޗެލްސީ އަށް އަލުން ލީޑުނަގައިދީފައެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ސައުތެމްޓަނަށް ޕޮއިންޓެއް ކަށަވަރުކޮށްދިނީ ޑެންމާކްގެ ޑިފެންޑަރު ޔަނިކް ވެސްޓެގާޑް ވައްދާލި ލަނޑުންނެވެ.