English Edition
Dhivehi Edition
ކަނޑުގަދަ ދުވަހެއްގައި ވިލިމާލެ ފެރީއެއް ދަތުރުކުރަނީ - ފޮޓޯ: މިހާރު

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.

އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ގއ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދަށް، މިއަދު 06:00 އިން ފެށިގެން 11:00 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި އެ ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ރޭ 08:00 އިން މިރޭ 08:00 އާއި ހަމައަށް، ދެކުނާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާއިރު، އުތުރުގެ ބައެއް ރަށްތަކަށް ކެރީގެއަސަރު ފޯރިނަމަވެސް އުތުރުގެ އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅު ވާނެއެވެ.

މީގެ އިތުރުން ހުޅަނގާއި ހުޅަނގުއުތުރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

އަދި ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަ ވާނެ. އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 4-7 ފޫޓު ހުންނާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށިގެން ވާ ކަމަށާއި، ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.