English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާދަމާ ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.

ރައީސް އޮފީހުން ހާމަކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާނީ، ޤައުމީ ދުވަހުގެ ހެނދުނު 10 ޖަހާއިރު ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައެވެ.

ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ މި އަހަރު ނުބާއްވާ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ. އެގޮތުން ކޮވިޑް-19 އާއި ގުޅިގެން އެ ޖަލްސާ ނުބޭއްވުމަށް ނިންމާފައިވާއިރު، އެކަމާއި ގުޅިގެން ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްވަމުން ގެންދަވާ ޤައުމީ އިނާމު ދެއްވުންވެސް ވަނީ ފަސްކޮށްފައެވެ.

ކޯވިޑުގެ ހާލަތު، ޢާންމު ހާލަތަކަށް ބަދަލުވުމުން، ޤައުމީ އިނާމު ދެއްވުމަށް ޚާއްޞަ ޖަލްސާއެއް ބާއްވަވާ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އެ ޖަލްސާ ބާއްވަވާނެ ތާރީޚު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަހުން އިޢުލާން ކުރައްވާނެއެވެ.