އެމްއެންޑީއެފަށް ހަ ސީ އެމްބިއުލާންސް ހޯދަން އިޢުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް ޑިފެންސްގެ އެދުމުގެ މަތިން، އެމްއެންޑީއެފަށް ބޭނުން ވާ 6 ސީ އެމްބިއުލާންސް ސަޕްލައިކޮށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އެކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ މަސައްކަތަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން ކަމަށާއި، އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.
މީގެ އިތުރުން ބީލަމުގައި ބައިވެރިވުމަށް 500ރ.ގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށާއި، ފައިސާ ބަލައިގަންނާނީ 15 އޮކްޓޫބަރ 2020 އިން 5 ނޮވެންބަރ 2020 އަށް، އެމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓަރވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ [email protected] އަށް މެއިލްކުރަންވާނެ ކަމަށްވެސް އެ އިޢުލާނުގައި ވެއެވެ.
އެ މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 15 އޮކްޓޫބަރ 2020 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި، އެ ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އެ އިޢުލާނުގައި ބުނެފައިވާ ގޮތުން ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި –/80,000ރ (އަށްޑިހަ ހާސް ރުފިޔާ)ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.
ބީލަން ހުޅުވުން އޮންނާނީ 8 ނޮވެންބަރ 2020ވާ އާދިއްތަ ދުވަހުގެ 13:00 ގައި އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި، ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.