English Edition
Dhivehi Edition
ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ ދެމީހުން --

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން 2020 އޮކްޓޯބަރު 12 ވަނަ ދުވަހު ހިންގި އޮޕަެރޭޝަނެއްގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހަތް މީހަކު ކަމަށާއި، އެ ހަތް މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުން ކަމަށާއި، ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ކަމަށެވެ.

މީގެ އިތުރުން ފުލުހުން ހާމަކުރާ ގޮތުގައި ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި އެ އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށްފައިވާއިރު، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި އެ އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއްވެސް ބަލައިފާސްކޮށްފައިވެއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި މިހާތަނަށް ވަގުތީ ބަރުދަނުގައި 130 ކިލޯހުރި މަސްތުވާތަކެތި ހޯދާފައިވާ ކަމަށާއި، އޭގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ.

އެ ތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރި ފަރާތްތަކަކީ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ.

ފުލުހުން ބުނީ އެ ދެމީހުންގެ ތެރެއިން ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެއް ކަމަށާއި، މަސްތުވާތަކެތި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް އިބްރާހިމް ކަމަށެވެ. އަދި އެމައްސަލާގައި ޝަހީބް އިބްރާހިމްއާއި ޖާމިނުކޮށް، އީރާން 7 މީހުން ކްރިމިނަލް ކޯޓުން ވަނީ ބަންދުން ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއިން އެތެރެކުރި ދޯނިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުންވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ޝަހީބް އިބްރާހިމްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު އަޙްމަދު މުސާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް އެކޯޓުންވަނީ ދީފައެވެ. މިމައްސަލާގައި ދެން ހިމެނޭ ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.