English Edition
Dhivehi Edition
ސްޕެއިން ކޮޅަށް ލަނޑުޖެހުމަށްފަހު ޔޫކްރޭންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ޔޫކްރޭން އަތުން 1-0 އިން ސްޕެއިން ބަލިވިއިރު، އަމިއްލަ ދަނޑުގައި ސްވިޒަލެންޑާ ދެކޮޅަށް ޖަރުމަން ކުޅުނު މެޗު ނިމުނީ 3-3 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މިއީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސްޕެއިން ބަލިވި ފުރަތަމަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން ބަލިވީ ނޭޝަންސް ލީގުގައި މީގެ ދެ އަހަރު ކުރިން ރަށުން ބޭރުގައި ކްރޮއޭޝިއާ އަތުން 3-2 އިންނެވެ.

ރޭގެ ނަތީޖާއާއެކު ލީގު އޭގެ ގްރޫޕް ހަތަރެއްގައި މިހާތަނަށް ކޮންމެ ޓީމެއް ހަތަރު މެޗު ކުޅުނުއިރު ހަތް ޕޮއިންޓާއެކު އެއްވަނައިގައި އުޅެނީ ސްޕެއިނެވެ. ދެވަނައިގައި އޮތް ޖަރުމަނުގެ އިތުރުން ތިންވަނައިގައި އުޅޭ ޔޫކްރޭނަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ފައިދާ ގޯލްގެ ތަފާތުން ކުރިލިބެނީ ޖަރުމަނަށެވެ. އެންމެ ފުލުގައި އޮތް ސްވިޒަލެންޑަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

ޔޫކްރޭންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު ސްޕެއިނުގެ ފޯވާޑް ރޮޑްރިގޯ މޮރޭނޯ އަށް ވަނީ ރަނގަޅު ތިން ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އޭގެފަހުން، އެ ޓީމުގެ އަންސޫ ފާޓީ އާއި ސާޖިއޯ ރާމޮސްގެ އިތުރުން މިކޭލް މަރީނޯ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޔޫކްރޭންގެ ގޯލްކީޕަރު ޖިއޯޖީ ބުޝްޗާން އެވެ. މި ހާފުގައި ޔޫކްރޭނަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ވިޓާލީ މިިކޮލެންކޯ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

ޖަރުމަނާ ދެކޮޅަށް ސްވިޒަލެންޑް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޓުވިޓާ

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ވިކްޓާ ސިގާންކޯވް އެވެ. މިއީ އެ ޓީމުގެ ކެޕްޓަން އެންޑީ ޔާމޮލެންކޯ ދިން ބޯޅައަކުން ސްޕެއިނުގެ ކީޕަރު ޑޭވިޑް ޑެ ހެއާ ގޯލްގެ ކުޑަ އޭރިޔާއިން ބޭރަށް ނިކުމެ ހުއްޓާ ފޮނުވާލައިގެން ސިގާންކޯވް ކާމިޔާބުކުރި ގޯލެކެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ފޯރިގަދަ ކުޅުމަކަށްފަހު ކޮލޯންގެ ރެއިންއެނާޖީ ސްޓޭޑިއޯންގައި ކުޅެވުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މި މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ހީކުރިގޮތާ ހިލާފަށް ކުރީން ލީޑްނެގީ ސްވިޒަލެންޑުންނެވެ. މިލަނޑު އެ ޓީމަށް ޖަހައިދިނީ މާރިއޯ ގަވްރަނޮވިޗް އެވެ. އޭގެފަހުން، މެޗުގެ 26 ވަނަ މިނެޓުގައި ރެމޯ ފްރެއޮލާ ސްވިޒަލެންޑަށް ދެލަނޑުގެ ލީޑެއް ނަގައިދީފައިވަނިކޮށް ދެ މިނެޓުފަހުން ޓިމޯ ވާނާ ކާމިޔާބުކުރި ރީތި ގޯލާއެކު ޖަރުމަނުން ފަރަގު ކުޑަކުރިއެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-1 އިން ސްވިޒަލެންޑް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 10 ވަނަ މިނެޓުގައި ޖަރުމަނަށް ނަތީޖާ ހަމަހަމަކޮށްދިނީ ކާއީ ހާވާޓްޒް އެވެ. އޭގެ މިނެޓެއްފަހުން، ސްވިޒަލެންޑަށް އަލުން ލީޑްނަގައިދިނީ ގަވްރަނޮވިޗް އެވެ. އޭގެފަހުން، މެޗުގެ 60 ވަނަ މިނެޓުގައި ޖަރުމަނުން ދެވަނަ ފަހަރަށް އެއްވަރުކުރީ ސާޖް ނެބްރީ ކާމިޔާބުކުރި ހިތްގައިމު ލަނޑުންނެވެ. މެޗުގެ އިތުރުވަގުތުގައި ސްވިޒަލެންޑްގެ ފަބިއަން ޝެއާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި މުބާރާތުގައި ރޭ ކުޅުނު ބައެއް އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު އެންޑޯރާ އަތުން 2-0 އިން ފެރޯ އައިލެންޑްސް މޮޅުވިއިރު، ލަގްޒެމްބޯގް ވަނީ ރަށުން ބޭރުގައި 2-1 އިން މޮންޓެނީގްރޯ ބަލިކޮށްފައެވެ.