ޔުވެންޓަސް އަދި ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާކަމަށް ޕޯޗުގީޒް ފުޓްބޯލް ފެޑެރޭޝަން (އެފްޕީއެފް) އިން ހާމަކޮށްފިއެވެ.
ޕޯޗުގަލް އާއެކު މިދިޔަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގާއި ޔޫރޯ 2016 ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ރޮނާލްޑޯ ހުރީ އައިސޮލޭޝަނުގައި ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް އެފްޕީއެފް އިން ނެރުނު ބަޔާނެއްގައިވެއެވެ.
ރޮނާލްޑޯ ވަނީ މިހާރު ކުރިއަށްދާ ނޭޝަންސް ލީގުގައި އާދީއްތަ ދުވަހުގެ ރޭ ޕޯޗުގަލާއި ދުނިޔޭގެ ޗެމްޕިއަން ފްރާންސް 0-0 އިން އެއްވަރުވި މެޗާއި، މިދިޔަ ހަފްތާގައި ސްޕެއިނާ 0-0 އިން އެއްވަރުވި އެކުވެރިކަމުގެ މެޗުގައި ކުޅެފައެވެ. އެހެންނަމަވެސް، ޕޯޗުގަލް ޓީމުން ނޭޝަންސް ލީގުގައި މާދަމާ ރޭ ސްވިޑަންއާ ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯ އަށް ނުކުޅެވޭނެއެވެ.
އުމުރުން 35 އަހަރުގެ ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ފެނާންޑޯ ސަންޓޯސްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޕޯޗުގަލް ޓީމުގެ ބާކީ ހުރިހާ ކުޅުންތެރިންވެސް ކޮރޯނާވައިރަހަށް ހެދި ޓެސްޓުތައް ވަނީ ނެގެޓިވްވެފައެވެ،
މީގެއިތުރުން، ރޮނާލްޑޯ ޕޮޒިޓިވްވުމުން އޭނާގެ ކްލަބު ޔުވެންޓަސް އަށް ކުރިއަށް އޮތް މެޗުތަކުގައި ބައިވެރިނުވެވޭނެއެވެ. އެގޮތުން، ލީގުގައި އެ ޓީމު ކްރޮޓޯނޭ އާއި ހެލަސް ވެރޯނާއާ ދެކޮޅަށް މެޗުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޔޫކްރޭންގެ ޑީނަމޯ ކިއޭވް އަދި ވާދަވެރި ލިއޮނަލް މެސީގެ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗު ގެއްލުމުގެ ފުރުޞަތު އެބައޮތެވެ.
ރޮނާލްޑޯ ޕޮޒިޓިވްވެފައިމިވަނީ އިޓަލީގެ ސިއްހީ އިދާރާތަކުން ކަނޑައަޅާފައިވާ އައު އާއްމު ހާލަތުގެ ޕްރޮޓޮކޯލްގެ ތެރެއިން ޓީމެއްގެ ކުޅުންތެރިއެއް ނޫނީ އޮފިޝަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނިކޮށް ޓެސްޓްކުރުމަށް ފަހު ނަތީޖާ ނުލިބެނިސް ގައުމު ދޫކޮށް ނުދެވޭނެކަމަށް އަންގާފައިވަނިކޮށް، އެ ގައުމު ދޫކޮށް ޕޯޗުގަލްގެ ކޭމްޕާ ގުޅިފައިވަނިކޮށެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ރެއާލް މެޑްރިޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގު ފަސް ފަހަރު އުފުލާލައިފައެވެ. އެހެންނަމަވެސް، ޔުވެންޓަސް އަށް ބަދަލުވެ މިހާތަނަށް އެ ޓީމާއެކު އޭނާ އަށް ވަނީ އެ މުބާރާތުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ.