ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އިންގްލެންޑް މޮޅުވިއިރު، ފްރާންސާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގެ އިތުރުން އިޓަލީއާ ޕޮލެންޑް ބައްދަލުކުރި މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ.
އިންގްލެންޑުން އަމިއްލަ ދަނޑުގައި ފީފާ ރޭންކިންގެ އެއްވަނައިގައި އުޅޭ ބެލްޖިއަމް އަތުން 2-1 އިން މޮޅުވިއިރު، ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ދެކޮޅަށް ނޭޝަންސް ލީގުގެ ޗެމްޕިއަން ޕޯޗުގަލް ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. ޕޮލެންޑްގެ ދަނޑުގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗު ވެސް ނިމުނީ ހަމަ މިނަތީޖާއިންނެވެ.
ރޭގެ ނަތީޖާއާއެކު އިންގްލެންޑުން ލީގު އޭގެ ދެވަނަ ގްރޫޕުގެ އެއްވަނަ އަށް އެރީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ބެލްޖިއަމް އެވެ. ހަތަރު ޕޮއިންޓާއެކު ތިންވަނައިގައި ޑެންމާކް އޮތްއިރު އެންމެ ފުލުގައި އޮތް އައިސްލެންޑަށް ޕޮއިންޓެއް ނުލިބެއެވެ.
އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބެލްޖިއަމަށް ލީޑްނަގައިދިނީ ރޮމެލޫ ލުކާކޫ އެވެ. މިއީ ގައުމީ ޓީމަށް ލުކާކޫ އެންމެފަހުން ކުޅުނު 10 މެޗުގައި ޖެހި 12 ވަނަ ގޯލެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް އިންގްލެންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ލިބުނު ޕެނަލްޓީއަކުން މާކަސް ރަޝްފޯޑް އެވެ. އިންގްލެންޑް މޮޅުވި ލަނޑު، މެޗުގެ 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މޭސަން މައުންޓް އެވެ.
ޕެރިހުގެ ސްޓެޑް ޑެ ފްރާންސްގައި ޕޯޗުގަލްއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ފުރަތަމަ ހާފުގައި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ފޮނުވާލި ހަމަލާ ޕޯޗުގަލްގެ ކީޕަރު ރުއީ ޕެޓްރީޝިއޯ މަތަކުރިއިރު، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލް ކުރިމަތިން ހުރަސްވެގެންނެވެ.
ދެވަނަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވާއިރު، ފްރާންސަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި މި ހާފުގެ ކުރީކޮޅު ޕޯޗުގަލްގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އޭރިޔާތެރެއިން ކިލިއަން އެމްބާޕޭ ފޮނުވާލި ބޯޅަ ޕޯޗުގަލްގެ ކީޕަރު ޕެޓްރީޝިއޯ މަތަކުރިއެވެ. މެޗުގެ އިތުރުވަގުތުގައި ރޮނާލްޑޯ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ފްރާންސްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް މަތަކުރިއެވެ. އޭގެކުރީން، ފަހު ހާފުގައި ކުޅެން ނިކުތް ރެނާޓޯ ސަންޗޭސް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް ލޮރިސް އެވެ.
ޕޯޗުގަލް އަދި ފްރާންސް ހިމެނޭ ލީގު އޭގެ ގްރޫޕް ތިނެއްގައި މިހާތަނަށް ކުޅުނު ތިން މެޗަށްފަހު މި ދެ ޓީމަށްވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ޕޯޗުގަލަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން ތިންވަނައިގައި ކްރޮއޭޝިއާ އޮތްއިރު، އެންމެ ފުލުގައި އުޅޭ ސްވިޑެން އަށް ޕޮއިންޓެއް ނުލިބެއެވެ.
ގްރޫޕް އޭގެ އެއްވަނަ ގްރޫޕުގައި ހިމެނޭ ދެ ޓީމުގެ ކުރިމަތިލުމުގައި ޕޮލެންޑްގައި ދަނޑުގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެގެން ނިމުނުއިރު، އެ މެޗުގެ ބޮޑުބައި ޑޮމިނޭޓްކުރި އިޓަލީ އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި މެޗުގެ ކުރީކޮޅު ފެޑެރީކޯ ޗިއޭސާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. އޭގެފަހުން، ޕޮލެންޑްގެ ރޮބަޓް ލެވަންޑޯސްކީ އަށް ލިބުނު ފުރުޞަތުގައި ބޯޅަ ރަނގަޅަށް ފޮނުވާނުލެވިގެން އުޅެނިކޮށް ހުއްޓުވީ އިޓަލީގެ ޑިފެންޑަރު އެމާސަން ޕަލްމިއެރީ އެވެ. ފަހު ހާފުގައި އިޓަލީ އަށް ލީޑްނަގައިދިނުމަށް އެމާސަން އަށް ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ.
މި ގްރޫޕުގައި ރޭ ކުޅުނު މެޗުތަކަށްފަހު އެންމެ ކުރީގައި އުޅެނީ އިޓަލީ އެވެ. ފަސް ޕޮއިންޓާއެކު އިޓަލީ އެއްވަނައިގައި އޮތްއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ނެދަލެންޑްސް އެވެ. ހަމަ އެ އަދަދަށް ތިންވަނައިގައި އޮތް ޕޮލެންޑަށް ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި ދެ ޕޮއިންޓާއެކު އޮތީ ބޮސްނިއާ އެންޑް ހާޒެގޮވީނާ އެވެ.
މި މުބާރާތުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ތުރުކީއާ ރަޝިޔާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، ކްރޮއޭޝިއާ ވަނީ 2-1 އިން ސްވިޑެން ބަލިކޮށްފައެވެ. ރޫމޭނިއާ އަތުން 4-0 އިން ނޯވޭ މޮޅުވިއިރު، ރިޕަބްލިކް އޮފް އަޔާލެންޑާ ދެކޮޅަށް ވޭލްސް ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.