English Edition
Dhivehi Edition
ރަފައެލް ނަޑާލް، ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ތަށްޓާއެކު. --ފޮޓޯ: ރޮލާންޑް ގަރޮސް

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ތަށި 13 ވަނަ ފަހަރަށް އުފުލާލައި ސްޕެއިނުގެ ރަފައެލް ނަޑާލް, 20 ގްރޭންޑް ސްލޭމް ތަށި ހޯދައިގެން ޓެނިސް ލެޖެންޑް ރޮޖާ ފެޑެރާ ހަދާފައިވާ ރެކޯޑާ ހަމަކޮށްފިއެވެ.

މި ފަހަރުގެ ތައްޓާއެކު ނަޑާލް ވަނީ ގްރޭންޑް ސްލޭމް އެއް މުބާރާތުގެ ތަށި ހޯދައިގެން މިދިޔަ އަހަރު އޭނާ ހެދި ރެކޯޑް އިތުރަށް ފުޅާކޮށްފައެވެ. މީގެކުރީން، ނަޑާލް އެ ރެކޯޑް މުގުރާލުމާ ހަމައަށް ގްރޭންޑް ސްލޭމް އެއް މުބާރާތުގެ ތަށި އެންމެ ގިނަ ފަހަރު ހޯދާފައިވަނީ އޮސްޓްރޭލިއަން އޯޕަން 11 ފަހަރު ކާމިޔާބުކުރި މާގްރެޓް ކޯޓް އާއި ނުވަ ފަހަރު ވިމްބަލްޑަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި މާޓިނާ ނަވްރަޓިލޯވާ އެވެ.

އުމުރުން 34 އަހަރުގެ ނަޑާލް މިފަހަރުގެ ފްރެންޗް އޯޕަން ކާމިޔާބުކުރީ، ޕެރިހުގެ ފިލިއްޕެ-ޝެޓްރިއޭ ޓެނިސް ކޯޓުގައި ރޭ ކުޅުނު ފައިނަލުގައި ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އުޅޭ ސާބިއާގެ ނޮވަކް ޖޮކޮވިޗްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިގެންނެވެ. އެ މެޗުގެ ފުރަތަމަ ދެ ސެޓް ފަސޭހަކަމާއެކު 6-0 އަދި 6-2 އިން ނަޑާލް ކާމިޔާބުކޮށް، ފަހު ސެޓް ގެންދިޔައީ 7-5 އިންނެވެ. މިފަހަރުގެ މުބާރާތް ނަޑާލް ކާމިޔާބުކުރީ ވެސް ސެޓެއް ވެސް ނުގެއްލިއެވެ.

ރޭގެ މެޗުން ހޯދީ މޮޅާއެކު ނަޑާލް ވަނީ ފްރެންޗް އޯޕަންގައި 100 މޮޅު ހަމަކޮށްފައެވެ. މި މުބާރާތުގައި ނަޑާލް މިހާތަނަށް ބަލިވެފައިވަނީ ދެ މެޗުންނެވެ. އޭގެތެރެއިން އެއް ފަހަރު ބަލިވީ ޖޮކޮވިޗް އަތުންނެވެ. ނަމަވެސް، މި މުބާރާތުގެ ފައިނަލްގައި މިހާތަނަށް މި ދެ ކުޅުންތެރިން ބައްދަލުކުރި ތިން ފަހަރު ވެސް ކުރިހޯދާފައިވަނީ ނަޑާލް އެވެ.

މިއީ ކޮވިޑް-19އާ ގުޅިގެން މި އަހަރުގެ ޓެނިސް ސީޒަން މެދުކަނޑާލުމަށްފަހު އަލުން ކުރިއަށްގެންދަން ފެށިފަހުން ޖޮކޮވިޗް ކުޅުނު ތިން މުބާރާތުގެ ތެރެއިން ފައިނަލްގައި ބަލިވި ފުރަތަމަ ފަހަރެވެ. އޭނާ ވަނީ ސިންސިނާޓީ މާސްޓާސްގެ އިތުރުން އެންމެ ފަހުގެ ޔޫއެސް އޯޕަން ވެސް ކާމިޔާބުކޮށްފައެވެ.

މި އަހަރުގެ މުބާރާތުގެ އަންހެން ސިންގަލްސް ތަށި މި ފަހަރު ކާމިޔާބުކުރީ ޕޮލެންޑްގެ އުމުރުން 19 އަހަރުގެ އީގާ ސްވިއަޓެކް އެވެ. މިދިޔަ ހޮނިހިރު ދުވަހު ކުޅެވުނު ފައިނަލުގައި ދުނިޔޭގެ ރޭންކިންގެ ހަތަރުވަނައިގައި އޮތް އެމެރިކާގެ ސޯފިއާ ކެނިންގެ މައްޗަށް 6-4 އަދި 6-1 އިން ސްވިއަޓެކް ވަނީ ކުރިހޯދާފައެވެ.