English Edition
Dhivehi Edition
ޔޫކްރޭން ކޮޅަށް ލަނޑުޖެހުމަށްފަހު ޖަރުމަނުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ސްވިޒަލެންޑް އަތުން ސްޕެއިން އުނދަގުލުން މޮޅުވިއިރު، ޔޫކްރޭން ބަލިކޮށް ޖަރުމަނުން މި މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި 1-0 އިން ސްވިޒަލެންޑް އަތުން ސްޕެއިން މޮޅުވިއިރު، ޖަރުމަނުން ވަނީ ރަށުން ބޭރުގައި 2-1 އިން ޔޫކްރޭން ބަލިކޮށްފައެވެ.

ރޭގެ ނަތީޖާއާއެކު ލީގު އޭގެ ގްރޫޕު ހަތަރެއްގެ އެއްވަނައިގައި އުޅޭ ސްޕެއިނަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ މިދިޔަ އަހަރުގެ މުބާރާތުގައި މޮޅެއްނުލިބި ރެލިގޭޓްވި ޖަރުމަނެވެ. ތިންވަނައިގައި އޮތް ޔޫކްރޭނަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތީ އެއް ޕޮއިންޓާއެކު ސްވިޒަލެންޑް އެވެ.

މެޑްރިޑްގެ އެސްޓާޑިއޯ އަލްފްރެޑޯ ޑި ސްޓެފާނޯގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރެއާލް ސޮސިއެޑާޑްގެ ފޯވާޑް މިކޭލް އޮޔަޒަބާލް އެވެ. މިއީ ސްވިޒަލެންޑްގެ ގޯލްކީޕަރު ޔަން ސޮމާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ސްޕެއިނުން ކާމިޔާބުކުރި ގޯލެކެވެ.

މި މުބާރާތުގައި މިދިޔަ ސެޕްޓެންބަރު މަހު ޔޫކްރޭނާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ގޯލާއެކު ސްޕެއިނުގެ ތާރީޚުގައި މިހާތަނަށް ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދި އަންސޫ ފާޓީ އަށް ރޭގެ މެޗުގެ ދެވަނަ ހާފުގައި ލީޑް ފުޅާކުރުމަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

ސްވިޒަލެންޑާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޓުވިޓާ

ފަހު ހާފުގައި ކުޅެން ނިކުތް ސްވިޒަލެންޑްގެ ޒެރްދާން ޝަކީރީ ގޯލެއް ކާމިޔާބުކުރި ނަމަވެސް، އެ ބޯޅަ ފޮނުވާލުމުގެ ކުރީން އެ ޓީމުގެ ކުޅުންތެރިއަކު ސްޕެއިނުގެ ސާޖިއޯ ބުސްކެޓްސް އަށް ފައުލްކުރިކަމަށް ނިންމައި ރެފްރީ އެ ގޯލް ގަބޫލެއްނުކުރިއެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ޔޫކްރޭންގެ ދަނޑުގައި ބައްދަލުކުރި މެޗުގެ 20 ވަނަ މިނެޓުގައި މަތިއަސް ގިންޓާ ކާމިޔާބުކުރި ގޯލާއެކު ޖަރުމަނުން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައިއޮވެގެންނެވެ. އޭގެފަހުން، ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރުވަނަ މިނެޓުގައި ޔޫކްރޭންގެ ގޯލްކީޕަރު ޖޯޖިއީ ބުޝްޗާން އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޖަރުމަނުގެ ދެވަނަ ލަނޑުޖަހައިދިނީ ބަޔާން މިއުނިކްގެ މިޑްފީލްޑަރު ލެއޮން ގޮރެޓްޒްކާ އެވެ.

މި މެޗުގައި ޔޫކްރޭނުން ޖެހި ހަމައެކަނި ލަނޑު، މެޗު ނިމެން 14 މިނެޓަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރުސްލާން މަލިނޮވްސްކީ އެވެ. މިއީ އެ ޓީމުގެ ރޯމަން ޔަރެމްޗުކް އަށް ޕެނަލްޓީއޭރިޔާތެރެއިން ޖަރުމަނުގެ ނިކްލަސް ސޫލޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ނޭޝަންސް ލީގުގައި މިރޭ ކުޅޭ ފާހަގަކޮށްލެވޭ މެޗުތަކަށް ބަލާއިރު، ރާއްޖޭގަޑިން 21:00 ގައި އިންގްލެންޑާ ދެކޮޅަށް ބެލްޖިއަމް ނިކުންނައިރު، މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޕޯޗުގަލްއާ ދެކޮޅަށް ދުނިޔޭގެ ޗެމްޕިއަން ފްރާންސް ނިކުންނާނީ މިރޭ 23:45 ގައެވެ.