ފްރެންޗް އޯޕަން ފައިނަލުގައި މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ސްޕެއިނުގެ ރަފައެލް ނަޑާލްއާ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ބައްދަލުކުރާން ޖެހިއްޖެއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން 12 ފަހަރު ހޯދާފައިވާ ނަޑާލް ފައިނަލަށް ދަތުރުކުރީ ހުކުރު ދުވަހުގެ ރޭ ކުޅެވުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އާޖެންޓީނާގެ ޑިއޭގޯ ޝްވާޓްޒްމަންގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިގެންނެވެ. އެ މެޗުގެ ސެޓުތައް ނަޑާލް ގެންދިޔައީ 3-6، 3-6، އަދި 6-7 އިންނެވެ.
މިވަގުތު ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އުޅޭ ޖޮކޮވިޗް ފައިނަލަށް ދަތުރުކުރީ އިއްޔެ ކުޅެވުނު ސެމީގެ ދެވަނަ މެޗުގައި ފަސް ސެޓު ކުޅެގެން ގްރީސްގެ ސްޓެފާނޯ ސިޓްސިޕާސް ބަލިކޮށްގެންނެވެ. އެ މެޗުގެ ފުރަތަމަ ދެ ސެޓް ފަސޭހަކަމާއެކު 6-3 އަދި 6-2 އިން ޖޮކޮވިޗް ގެންގޮސްފައިވަނިކޮށް ދެން ޖެހިގެންއައި ދެ ސެޓް، ސިޓްސިޕާސް ގެންދިޔައީ 5-7 އަދި 4-6 އިންނެވެ. އޭގެފަހުން ދެން ކުޅެވުނު ފަސްވަނަ ސެޓް 6-1 އިން ކާމިޔާބުކޮށް ޖޮކޮވިޗް ފައިނަލަށް ދަތުރުކުރިއެވެ.
ފްރެންޗް އޯޕަންގެ ތާރީޚުގައި 99-2 ގެ ރެކޯޑަކާއެކު އުޅޭ ނަޑާލް މިހާތަނަށް ބަލިވެފައިވަނީ ދެ މެޗުންނެވެ. އޭގެތެރެއިން އެއް ފަހަރު ބަލިވީ ޖޮކޮވިޗް އަތުންނެވެ. ނަމަވެސް، މި މުބާރާތުގެ ފައިނަލްގައި މިހާތަނަށް މި ދެ ކުޅުންތެރިން ބައްދަލުކުރި ދެ ފަހަރު ވެސް ކުރިހޯދާފައިވަނީ ނަޑާލް އެވެ. 2012 ވަނަ އަހަރުގެ ފައިނަލްގައި ޖޮކޮވިޗް އަތުން ނަޑާލް މޮޅުވީ 6-4، 6-3، 2-6 އަދި 7-5 އިންނެވެ. އޭގެ ދެ އަހަރު ފަހުން ކުޅެވުނު ފައިނަލްގައި ނަޑާލް މޮޅުވީ 6-3، 5-7، 6-2 އަދި 6-4 އިންނެވެ.
މި މުބާރާތުގައި ނަޑާލްގެ ރެކޯޑް ރަނގަޅު ނަމަވެސް، ދެ ކުޅުންތެރިންގެ ހެޑް ޓު ހެޑް ރެކޯޑަށް ބަލާއިރު ކުރިލިބެނީ ޖޮކޮވިޗް އަށެވެ. މިހާތަނަށް މި ދެ ކުޅުންތެރިން 55 ފަހަރު ބައްދަލުކޮށްފައިވާއިރު، ޖޮކޮވިޗް ވަނީ 29 މެޗުން މޮޅުވެފައެވެ. ނަޑާލަށް މޮޅުވެވިފައިވަނީ 26 މެޗުންނެވެ.
މި ފަހަރުގެ މުބާރާތުގެ ތަށި ކާމިޔާބުކޮށް ޓެނިސް ލެޖެންޑް ރޮޖާ ފެޑެރާގެ ރެކޯޑާ ހަމަކުރުމަށް އަމާޒުހިފާފައިވާ ނަޑާލަށް މި މެޗުގެ މުހިއްމުކަން ބޮޑެވެ. ނަޑާލް މިހާތަނަށް ގްރޭންޑް ސްލޭމް 19 ތަށި ހޯދާފައިވާއިރު، ފެޑެރާ ވަނީ 20 ތަށި ހަމަކޮށްފައެވެ. ފައިނަލުގައި ޖޮކޮވިޗް މޮޅުވެއްޖެނަމަ އޭނާ އަށް 18 ގްރޭންޑް ސްލޭމް ތަށި ހަމަވާނެއެވެ.
މީގެއިތުރުން، މިދިޔަ އަހަރުގެ ފްރެންޗް އޯޕަން ކާމިޔާބުކޮށް ގްރޭންޑް ސްލޭމް އެއް މުބާރާތުގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވާ ނަޑާލް އަށް މި ފަހަރުގެ މުބާރާތް ކާމިޔާބުކޮށްގެން އެ ރެކޯޑް އިތުރަށް ފުޅާކުރުމުގެ ފުރުޞަތުލިބިގެންދާނެއެވެ.
ޕެރިހުގެ ފިލިއްޕެ-ޝެޓްރިއޭ ޓެނިސް ކޯޓުގައި ކުޅުމަށް ހަމަޖެހިފައިވާ ފްރެންޗް އޯޕަން ފައިނަލް އޮންނާނީ މާދަމާ ރާއްޖޭ ގަޑިން އިރުއޮއްސި ހައެއް ޖަހާއިރު އެވެ.