English Edition
Dhivehi Edition

 

އައްޑޫސިޓީ ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ އެންމެ މަތިން ޕޮއިންޓް ހޯދައިގެން ސްމޭޝާސް ޓީމް ސެމީ ފައިނަލަށް ހިނގައްޖެއެވެ.

މޮޅުވާ ކޮންމެ މެޗަކުން 5 ޕޮއިންޓް ލިބޭ މި މުބާރާތުގައި ކުޅުނު 3 މެޗުން ބަލިނުވެ ކާމިޔާބު ހޯދި ހަމައެކަނި ޓީމަކީ ވެސް ސްމޭޝާސް އެވެ. ޓީމް ސްމޭޝާސް ގައި ހިމެނޭ ކުޅުންތެރިންނަކީ ނާތިޖް ޢަލީ،އަޙްމަދު ދީދީ،އިބްރާހިމް ޝިނާޒް،ޢާސިމާ މުޙައްމަދު،އައިކާ ޚަލީލު،އަޙްމަދު ލުތުފީ،ޙުސެއިން ޙާމިދު ރަޝީދު އަދި ޖޯސެފް އަޖޯއެވެ. ކުޅަދާނަ މޮޅު ކުޅުމެއް ދެއްކުމަށްފަހު 15 ޕޮއިންޓާއެކު ސެމީން ޖާގަ ކަށަވަރުކޮށްގެން ސްމޭޝާސް މިރޭ ނިކުންނައިރު މިޓީމާ ވާދަ ކުރާނީ ޓީމް ޝަޓްލްއެވެ. ގްރޫޕް ބީ ގައި ހިމެނޭ ޝަޓްލް ސެމީއަށް ދިޔައީ 5 ޕޮއިންޓާއެކުގައެވެ. މިމުބާރާތުގައި ސެމީއަށްދިޔަ އަނެއް 2 ޓީމަކީ ގްރޫޕް އޭ ގެ ފުވައްމުލައް އެސްޓީއޯއާއި ގްރޫޕް ބީ ގެ ޔުނައިޓެޑެވެ. މިދެ ޓީމަށްވެސް ލިބިފައިވަނީ 10 ޕޮއިންޓެވެ.

މި މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނޭ ވޮންޑާސްއާއި ގޯސްމާޓަށް މުބާރާތް ނާކާމިޔާބު ވީއިރު ގްރޫޕް ބީ އިން ވެސް އެއްވެސް ޕޮއިންޓެއް ނުލިބި ފުވައްމުލައް ބީޑީސީ ވަނީ މުބާރާތުން ވަކިވެފައެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހެޅިފައިވާއިރު ރަނަރަޕް ޓީމަށް 5000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ. މުބާރާތުން 3 ވަނަ އަށް ދާ ޓީމަށް ހަމަޖެހިފައިވަނީ 1500 ރުފިޔާގެ ފައިސާގެ އިނާމެވެ.

އައްޑޫސިޓީ ބެޑްމިންޓަން ޗެމްޕިއަންޝިޕް މުބާރާތުގެ މެއިން ސްޕޮންސަރަކީ މަލްޓި މާޓެވެ. އިތުރު ސްޕޮންސަރުންގެ ތެރޭގައި އައްޑޫސުޕަމާޓް ، ވަން،އެން ހޯލްޑިންގްސް،އަސްކަނި ސްޕޯޓްސް،ތްރީއެސް،ކޯނަރ،އީހަބް،ނެނޯލެބް،އަދި ކޮންޓްރޯލް ޕީ ހިމެނެއެވެ.މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އޭއޯނިއުސް އެވެ. މިރޭކުޅޭ ފައިނަލްގެ ދެ މެޗްވެސް އޮންނާނީ މަރަދޫފޭދޫ ޔޫތުސެންޓަރުގައެވެ. މެޗް ފަށާ ގަޑިއަކީ ރޭގަނޑު 8.00 އެވެ. މިރޭގެ ދެ މެޗްވެސް ފޭސްބުކް އޭއޯ ޗެނެލުން ލައިވް ކުރާނެއެވެ.

1 ކޮމެންޓް
ނަގުލު ފިއްތި
އޮކްޓޯބަރު 11, 2020
އެންމެ އުހުގަ އޮށް ޓީމް އެންމެ އަޑިޔައް ގޮސް މުބާރާތުން ކަޓައިފި. ވަރަށް ދެރަ މިނަށްވުރެ ފުންނާބް އުސްވީމަ އެހެންވެސް ވެދާނެ. އަޅާނުލާ ދެންފަހަރަކުން ދޯ????????