English Edition
Dhivehi Edition
ބޭންކް އޮފް މޯލްޑިވްސް ހުޅުމީދޫ ބްރާންޗް ފޮޓޯ: އީމާން
އާ އަހަރާ ދިމާކޮށް އަހަރީ ހިސާބުތައް ނިންމުމަށް ރާއްޖޭގެ ބޭންކުތައް ހަތަރު ދުވަހަށް ބަންދުކުރަން ނިންމައިފިއެވެ.
މި ބަންދާއެކު މަރުކަޒީ ބޭންކު، އެމްއެމްއޭ ވެސް ބަންދުވާނެއެވެ. ބޭންކުތައް ބަންދުވާނީ މި ހިނގާ ޑިސެމްބަރު މަހުގެ 31 ވާ ބުދަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ ބޭންކު ބަންދުވި ނަމަވެސް ކަސްޓަމަރުންނަށް ދަތިކަމެއް ނެތި ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އިންޓަނެޓް ބޭންކިން އާއި މޮބައިލް އެޕްގެ ހިދުމަތް މެދުނުކެނޑި ލިބޭނެއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމްތައް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ.

މި ބަންދަށް ފަހު ބޭންކުތައް އަލުން ހުޅުވައި ހިދުމަތް ދޭން ފަށާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ބަންދު ދުވަސްތަކުގައި ކަސްޓަމަރުންނަށް އެހީތެރިވުމަށް ކޮންޓެކްޓް ސެންޓަރުތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މުއާމަލާތް ކުރެވޭނެއެވެ. ކޮންމެ އަހަރަކު ވެސް އަހަރު ނިމުމާ ދިމާކޮށް ބޭންކުތަކުގެ މާލީ ހިސާބުތައް ނިންމުމަށް، އަހަރުގެ ފަހު ދުވަސްކޮޅު ބޭންކުތައް ބަންދުކުރެއެވެ.