ޔޫކްރޭންއާ ދެކޮޅަށް ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ގިނަ ބަދަލުތަކާއެކު ނިކުމެ ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ލަނޑުގޯންޏެއް އޮއްސާލައިފިއެވެ. މި މެޗުން ފްރާންސް މޮޅުވީ 7-1 އިންނެވެ.
ރޭގެ މެޗަކީ ކުރީގެ މަޝްހޫރު ފޯވާޑް އަންދްރޭ ޝެވްޗެންކޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޔޫކްރޭންގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި މެޗެވެ. މީގެކުރީން، މިދިޔަ ސެޕްޓެންބަރު މަހު ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިނުގެ ދަނޑުގައި އެ ޓީމު ކުޅުނު މެޗުން ބަލިވީ ވެސް 4-0ގެ ނަތީޖާއަކުންނެވެ.
ފްރާންސުން ރޭގެ މެޗަށް ނިކުތްއިރު އާއްމުކޮށް އެ ޓީމުން ކުޅެމުން އަންނަ ފުރަތަމަ އެގާރައަށް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ އާއި ބާސެލޯނާގެ ފޯވާޑް އެންޓޮއިން ގްރީޒްމަންގެ އިތުރުން ކެޕްޓަން ހޫގޯ ލޮރިސް ހިމަނާފައިނުވާއިރު، އެ ޓީމުގެ ގޯލް ބެލެހެއްޓީ މާސޭގެ ގޯލްކީޕަރު ސްޓީވް މަންޑަންޑާ އެވެ.
މީގެއިތުރުން، އޮލިމްޕިކް ލިޔޯންގެ އުއްމީދީ މިޑްފީލްޑަރު ހުސާމް އޮއާރް އާއި ރެނޭސްގެ އުމުރުން 17 އަހަރުގެ މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާ އަށް ފުރަތަމަ އެގާރައިން ވަނީ ފުރުޞަތުދީފައެވެ. އަދި ރޭގެ މެޗަކީ އެ ޓީމުގެ ފޯވާޑް އޮލިވިއޭ ޖިރޫގެ 100 ވަނަ މެޗަށްވުމުން ކެޕްޓަނެއްގެ ޒިންމާ އަދާކުރީވެސް އޭނާ އެވެ.
ޕެރިހުގެ ސްޓެޑް ޑެ ފްރާންސްގައި ރޭ ކުޅުނު މި މެޗުގައި ފްރާންސުން ކާމިޔާބުކުރި ފުރަތަމަ ލަނޑު، ނުވަ ވަނަ މިނެޓުގައި ޖަހައިދިނީ ޒުވާން މިޑްފީލްޑަރު ކަމަވިންގާ އެވެ. މިއީ ފްރާންސްގެ ޖާޒީގައި އޭނާ ކުޅުނު ދެވަނަ މެޗެވެ. މިއާއެކު އޭނާ ވަނީ ގަރުނެއްގެ ތެރޭގައި ފްރާންސަށް ލަނޑުޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މިލަނޑުޖަހައިދިންއިރު ކަމަވިންގާގެ އުމުރަކީ 17 އަހަރާއި 11 މަހެވެ. ފްރާންސްގެ ޖާޒީގައި މިހާތަނަށް ލަނޑުޖަހާފައިވާ އެންމެ ހަގު ކުޅުންތެރިއަކީ މޮރީސް ގެސްޓީޖާ އެވެ. 1914 ވަނަ އަހަރު ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑުޖެހިއިރު އޭނާގެ އުމުރަކީ 17 އަހަރާއި 5 މަހެވެ.
އޭގެފަހުން، މެޗުގެ 24 އާއި 33 ވަނަ މިނެޓުގައި ޖިރޫ ކާމިޔާބުކުރި ގޯލްތަކާއެކު ފްރާންސުން ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. އަދި އޭގެފަހުން، ފުރަތަމަ ހާފު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ޔޫކްރޭންގެ ވިޓާލީ މިކޮލެންކޯ އަތުން ބައިކޮޅަށް ވަތް ގޯލާއެކު ފްރާންސުން މި ހާފު ނިންމާލީ 4-0 އިން ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ 8 ވަރަކަށް މިނެޓުގެތެރޭގައި ޔޫކްރޭންގެ ވިކްޓާ ޝީހަންކޯވް ވަނީ ފަރަގު ކުޑަކޮށްދީފައެވެ. އޭގެ 12 މިނެޓުފަހުން، މެޗުގެ 65 ވަނަ މިނެޓުގައި ބަޔާން މިއުނިކްގެ މިޑްފީލްޑަރު ކޮރެންޓިން ޓޮލީސޯ ވަނީ ފްރާންސްގެ ހަތަރު ލަނޑުގެ ލީޑް ދަމަހައްޓާފައެވެ. އަދި އޭގެފަހުން، މި ހާފުގައި ކުޅެން ނިކުތް އެމްބާޕޭ އާއި ގްރީޒްމަން މެޗުގެ 82 އާއި 89 ވަނަ މިނެޓުގައި ވައްދާލި ލަނޑުތަކާއެކު ފްރާންސުން މެޗު ނިންމާލީ 7-1 އިންނެވެ.
ރޭގެ މެޗުގައި ފްރާންސަށް ޖަހައިދިން ދެ ގޯލާއެކު ޗެލްސީ އަށް ކުޅެމުން އަންނަ ޖިރޫ ވަނީ 42 ލަނޑުހަމަކޮށް ފްރާންސްގެ ތާރީޚުގައި މިހާތަނަށް ދެވަނަ އަށް އެންމެ ގިނަ ލަނޑުޖަހާފައިވާ މިޝޭލް ޕްލެޓިނީގެ 41 ގޯލްގެ ރެކޯޑް މުގުރާލާފައެވެ. ފްރާންސްގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖަހާފައިވާ ތިއެރީ އޮންރީގެ ރެކޯޑް މުގުރާލަން ޖިރޫ މިހާރު ބޭނުންވަނީ ނުވަ ގޯލެވެ.
ރޭ ކުޅެވުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކަށް ބަލާއިރު، ސްޕެއިނާ ދެކޮޅަށް ޕޯޗުގަލްގެ ދަނޑުގައި ކުޅުނު މެޗު ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެން ނިމުނުއިރު، ތުރުކީއާ ދެކޮޅަށް ޖަރުމަން ކުޅުނު މެޗު ނިމުނީ 3-3 އިން ދެ ޓީމު އެއްވަރުވެގެންނެވެ. އަމިއްލަ ދަނޑުގައި މޮލްޑޯވާ އަތުން އިޓަލީ މޮޅުވީ 6-0 އިންނެވެ.