English Edition
Dhivehi Edition
ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ޑީޖޭއޭ - ފޮޓޯ: ރާއްޖެ އެމްވީ

ސިންގަޕޯރ ކޯޕަރޭޝަން ޕްރޮގްރާމް ޓްރެއިނިންގ އެވޯޑްސް އިން އިންތިޒާމު ކޮށްގެން، ލީޑަރޝިޕް އިން ކޯޓް ގަވަރނަންސް ކޯހެއް ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހާމަކުރާ ގޮތުގައި 05 ދުވަހުގެ މުއްދަތަށް އޮންލައިންކޮށް ހިންގުމަށް ހަމަޖެހިފައިވާ އެ ކޯސް ކުރިއަށްދާނީ 2020 އޮކްޓޫބަރު 05 އިން 09 އަށެވެ.

ޑީޖޭއޭ އިން ބުނީ އެ ކޯހަކީ ފަނޑިޔާރުންނާއި ކޯޓް އެޑްމިނިސްޓްރޭޓަރުންނަށް އަމާޒުކޮށްގެން ހިންގާ ކޯހެއް ކަމަށާއި، ޝަރުޢީ ދާއިރާގެ ހުރިހާ ފަނޑިޔާރުންނާއި ކޯޓް އެޑްމިނިސްޓްރޭޓަރުންނަށް ހުޅުވާލެވިގެން ކުރެވުނު އިއުލާނާ ގުޅިގެން 11 ފަރާތަކުން ކުރިމަތިލެއްވި ކަމަށެވެ. އަދި ކުރިމަތިލެއްވި ފަރާތްތަކުގެ އެޕްލިކޭޝަންތައް ޖުޑީޝަރީގެ އެޗް.އާރ ކޮމިޓީން އެނަލައިޒްކުރައްވާ، ކޯހަށް ހޮވިފައިވަނީ އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތައް ކަމަށާއި، އެގޮތުން އެ ކޯހުގައި ބައިވެރިވުމަށް ލިބިފައިވާ ފުރުޞަތުގައި ބައިވެރިވެވަޑައިގަންނަވަނީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދު ކަމަށެވެ.

އެ ކޯހުގައި މައިގަނޑު ގޮތެއްގައި ހިމެނިފައިވާ މައުޟޫތަކަކީ ކޯޓް އެޑްމިނިސްޓްރޭޝަން އާއި ކޯޓް އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ އާއި އޯލްޓަރނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން އަދި ޖުޑީޝަލް އެޑިޔުކޭޝަން އެންޑް ރީފޯމް އެވެ.

ޑީޖޭއޭ އިން ބުނީ އެ ކޯހަކީ މި އަހަރުގެ މާރިޗު މަހު ސިންގަޕޫރުގައި ހިންގުމަށް ޕްލޭން ކުރެވުނު ކޯހެއް ނަމަވެސް، ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ޙާލަތާ ގުޅިގެން ފަސްކުރެވި، އޮންލައިންކޮށް ކުރިއަށްގެންދާ ކޯހެއް ކަމަށެވެ.