English Edition
Dhivehi Edition
ފުވައްމުލައް ނޭޗާ ޕާކް: - ފޮޓޯ: ތޮލާލް މުހައްމަދު

ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް ކަލްޗަރަލް އޯގަނައިޒޭޝަން، ޔުނެސްކޯ އިން ދެމުން އަންނަ ހާއްސަ ލަގަބެއް ކަމުގައިވާ ބަޔޮސްފިއަރ ރިޒާވްގެ ލަގަބު މި މަހުގެ 28 ވަނަ ދުވަހު އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ލިބިގެންދާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

ބަޔޮސްފިއަރ ރިޒާވްގެ ލަގަބަކީ ދެމެހެއްޓެނިވި ތަރައްގީއާއި މީހުންނާއި ގުޅިގެން ގުދުރަތީ މާހައުލު ރައްކާތެރިކުރުމުގެ ފުރުސަތު އޮތް ތަންތަނަށް ޔުނެސްކޯ އިން ދެމުން އަންނަ ލަގަބެކެވެ.

އެންވަޔަރަމެންޓް މިނިސްޓްރީ އިން ހާމަ ކުރި ގޮތުގައި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ ބަޔޮސްފިއަރ ރިޒާވް އަކަށް ހެދުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ހުރިހާ މަރުހަލާ އެއް ފުރިހަމަކުރެވިފައިވާއިރު މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޔުނެސްކޯ މޭން އެންޑް ދަ ބަޔޮސްފިއަރ ރިޒާވް އިންޓަނޭޝަނަލް ކޯޑިނޭޝަން ކައުންސިލުގައި ރަސްމީކޮށް މި ލަގަބު އެ ދެ އަތޮޅަށް އެރުވިގެންދާނެއެވެ

އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާމެދު މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ފޮޓޯ: ތޮލާލް މުހައްމަދު

އެންވަޔަރަމެންޓް މިނިސްޓްރީ އިން ހާމަކުރި ގޮތުގައި ބަޔޮސްފިއަރ ރިޒާވްގެ ލަގަބަކީ ރީތި ގުދުރަތީ ސިފަތައް ހުރެ މީހުންނަށް ދިރިއުޅެވޭނެ ފަދަ ސިފަތަކެއް ހުރި ތަންތަނަށް ދެވޭ ލަގަބެއް ކަމަށެވެ ބަޔޮސްފިއަރ ރިޒާވްގެ ލަގަބު ދިނުމުގައި ދެވޭ ސަރަހައްދެއްގައި ދިރިއުޅޭ މީހުންނަށް އެ ސަރަހައްދެއްގެ ގުދުރަތީ ސިފަތަށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކުރެވޭނެ ކަންތައްތަކާއި އެ މާހައުލަކުން އެ ތަނެއްގައި ދިރިއުޅޭ މީހުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ލިބޭނެ ގޮތްތަކަށް ބަލާ ހަދައެވެ. އެގޮތުން މިހާރު ދުނިޔޭގައި ޖުމްލަ 120 ގައުމެއްގައި މި ލަގަބު ލިބިފައިވާ 669 ސަރަހައްދެއް ހިމެނޭއިރު ދިވެހިރާއްޖެއިން މިހާތަނަށް މި ލަގަބު ލިބިފައިވަނީ ބ. އަތޮޅަށް އެކަންޏެވެ.

މިނިސްޓްރީ އިން ހާމަކުރި ގޮތުގައި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ މި ލަގަބަށް ހުށައެޅުމުގެ މައިގަނޑު ސަބަބަކީ އެ ދެ ސިޓީގައިވެސް ގުދުރަތީ ގޮތުން ހިތްގައިމު މާހައުލުތަކެއް ހުރެ ތަރައްގީ އަށް ޓަކައި ގިނަ ކަންތައްތަކެއް ރޭވިގެން ކުރިއަށްދާއިރު އެ ދެ ސިޓީއަކީ އެ މާހައުލުތައް ހިމާޔަތްކުރެވިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތް ދެ ތަނަށް ވާތީ ކަމުގައެވެ.

ފޮޓޯ: ތޮލާލް މުހައްމަދު

މީގެ އިތުރުން ދެމެހެއްޓެނިވި ގޮތުގައި ދިރޭތަކެތީގެ ބޭނުން ހިފުމުގައްޔާއި ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި ޔުނެސްކޯގެ ބަޔޮސްފިޔަރ ރިޒާވް ކޮންސެޕްޓް އަކީ ތިމާވެށީގެ، އިޖްތިމާއީ އަދި އިޤްތިޞާދީ ގިނަ ފައިދާތަކެއް އެކުލެވިގެންވާ ކޮންސެޕްޓް އަކަށް ވުމަކީވެސް މި ދެ ސަރަހައްދު ބަޔޮސްފިއަރ ރިޒާވް އެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށައެޅުމުގެ ސަބަބެއް ކަމުގައިވެސް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

ބަޔޮސްފިއަރ ރިޒާވް އެއްގެ ގޮތުގައި ކަނޑައެޅޭ މާހައުލުތަކުގައި ދެމެހެއްޓެނިވި ތަރައްގީ އަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެވި އެތަނެއްގެ އާދަކާދަ، ސަގާފަތް އަދި ދިރިއުޅުމަށް ކުރާ މަސައްކަތް ކުރިއެރުވުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދެއެވެ. މީގެ އިތުރުން ތައުލީމާއި ހޭލުންތެރިކަން އިތުރުކުރުމުގެ ފުރުސަތުތަކާއި އެ ސަރަހައްދެއްގައި ދިރިއުޅޭ މީހުންގެ ފަންނީ ހުނަރު ކުރިއެރުވުމަށް ޔުނެސްކޯ އިން ބާރު އަޅައެވެ.

މި ދެ އަތޮޅު ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ހަމަޖެހުމުން، މިދެ އަތޮޅުގައި މިހާރު ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުން ލިބޭ އިގްތިސާދީ ފައިދާ އިތުރުވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.