English Edition
Dhivehi Edition
އާސެނަލަށް ބަދަލުވި ތޯމަސް ޕާޓޭ. --ފޮޓޯ: ގެޓީ އިމޭޖަސް

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ގާނާގެ އިތުބާރު މިޑްފީލްޑަރު ތޯމަސް ޕާޓޭ، އިނގިރޭސި ކްލަބު އާސެނަލަށް ބަދަލުވެއްޖެއެވެ.

އާސެނަލުން ޕާޓޭގެ ސޮއި ހޯދީ، އެތުލެޓިކޯއާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްޓަކައި ދައްކަންޖެހޭ 50 މިލިއަން ޔޫރޯ (45 މިލިއަން ޕައުންޑް) ދެއްކުމަށް އެއްބަސްވެގެންނެވެ. މިއާއެކު ޕާޓޭ ވަނީ އާސެނަލް އާއެކު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އާސެނަލުން ޕާޓޭގެ ސޮއި ހޯދާފައިމިވަނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމުން ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްކުރި ފްރާންސްގެ އޮލިމްޕިކް ލިޔޯންގެ އުއްމީދީ މިޑްފީލްޑަރު ހުސާމް އޮއާރް އެ ޓީމުގައި މަޑުކުރަން ނިންމުމުންނެވެ. މީގެކުރީން، އާސެނަލްގެ ކުރީގެ ކޯޗު އުނައި އެމެރީ ވެސް އެ ޓީމަށް ޕާޓޭ ގެނައުމަށް ވަނީ މަސައްކަތްކޮށްފައެވެ. އޭރު އެތުލެޓިކޯ އިން ވިއްކަން ކީ އަގު ބޮޑުކަމުން އާސެނަލަށް ގެނެވޭގޮތެއްނުވިއެވެ.

މިހާރު އުމުރުން 27 އަހަރުގެ ޕާޓޭ، އެތުލެޓިކޯގެ ޔޫތު ޓީމާ ގުޅުނީ 2012 ވަނަ އަހަރުގައެވެ. އޭނާ ވަނީ އެތުލެޓިކޯ އަށް ކުޅެދިން 188 މެޗުގައި 16 ލަނޑުޖަހާފައެވެ. އަދި އެތުލެޓިކޯގައި ހޭދަކުރީ ދުވަސްވަރު ލޯން އުސޫލުން ރެއާލް މަޔޯކާގެ އިތުރުން އަލްމޭރިއާ އަށް ވަނީ ކުޅެފައެވެ. އޭނާ ވަނީ އެތުލެޓިކޯ އާއެކު ޔުއެފާ ޔުރޮޕާ ލީގާއި، ޔުއެފާ ސުޕަ ކަޕް ވެސް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން، ޕާޓޭ ވަނީ ގާނާގެ ގައުމީ ޓީމަށް ކުޅެދިން 26 މެޗުގައި ނުވަ ގޯލް ޖަހާފައެވެ.

ޕާޓޭގެ އިތުރުން އާސެނަލުން ވަނީ ޗެލްސީގެ ބްރެޒިލް މިޑްފީލްޑަރު ވިލިއަން އާއި ލިއްލޭ އިން ބްރެޒިލްގެ ޑިފެންޑަރު ގެބްރިއެލް މެގަލޭޝްގެ ސޮއި ހޯދާފައެވެ. އަދި މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑްގެ ލޯން އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް ކުޅުނު ޑެނީ ސެބާޔޯސް ވެސް ވަނީ މި އަހަރު ވެސް އާސެނަލަށް ގެނެސްފައެވެ. މީގެއިތުރުން، އާސެނަލުން ވަނީ އެ ޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން އާއި ބުކާޔޯ ސާކާ އަދި ގެބްރިއެލް މާޓިނެއްލީގެ ކޮންޓްރެކްޓް އާކޮށްފައެވެ.

މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އާސެނަލުން ދޫކޮށްލި ކުޅުންތެރިންގެ ތެރޭގައި އުރުގުއޭގެ މިޑްފީލްޑަރު ލޫކަސް ޓޮރޭރާ އާއި ފްރާންސްގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅެމުން އަންނަ މިޑްފީލްޑަރު މަޓެއޯ ގެންޑޫޒީ ހިމެނެއެވެ. އެއް ސީޒަނުގެ ލޯނެއްގެ ދަށުން އެތުލެޓިކޯ އަށް ޓޮރޭރާ ބަދަލުވިއިރު، ގެންޑޫޒީ ބަދަލުވީ ޖަރުމަނުގެ ހާތާ ބާލިން އަށެވެ.