English Edition
Dhivehi Edition
ހަރަކާތް އިންތިޒާމު ކުރުމާ ބެހޭ ގޮތުން ސްކީމްގެ ގދ. މެމްބަރުންނާއި ތިނަދޫ ކައުންސިލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ގދ. ޗެޕްޓަރ އާއި ތިނަދޫ ކައުންސިލް ގުޅިގެން ތިނަދޫގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ހަވީރެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

“ދުވަސްވީ ރަށްވެހިންގެ ހަވީރު” ގެ ނަމުގައި އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު ތިނަދޫ ޒޯން ސްޓޭޑިއަމްގައި ބާއްވާ މި އިވެންޓް ކުރިއަށް ގެންދާނީ އެދުވަހުގެ ހަވީރު 4:00 އިން 6:00 އަށެވެ.

މި ހަރަކާތާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަވަމުން ސްކީމްގެ ގދ. އަތޮޅު ޗެޕްޓަރ ޗެއަރ ޕާރސަން އަމީޒާ އަފީފް ވިދާޅުވީ މިފަދަ ހަރަކާތެއް ބޭއްވުމުގެ މަގްޞަދަކީ ތިނަދޫގައި ދިރިއުޅޭ ދުވަސްވީ ރަށްވެހީންގެ ޙައްޤުގައި މަސައްކަތްކުރާނެ ބަޔަކު ތިބިކަން އެފަރާތްތަކަށް އަންގައި ދިނުމަށާއި އަދި މި މުޖުތަމަޢުގައި އެފަރާތްތަކުން ކޮށްދީފައިވާ ކުދި ބޮޑު އެންމެހާ ޙިދުމަތްތަކަށް ޝުކުރުދެންނެވުމަށް ކަމަށެވެ. މީގެ އިތުރުން އުމުރުން ދުވަސްވީ ރަށްވެހިންނަށް ޙާއްސަ “އުމުރުން ދުވަސްވީ ރަށްވެހިންގެ ކުލަބް” އެއް އުފެއްދުމަކީ ވެސް މި ހަވީރުގައި ހިމެނޭނެ މުހިއްމު އެއްކަން ކަމުގައި އަމީޒާ ވިދާޅުވިއެވެ.

“މިއީ ސްކީމްގެ ގދ. ޗެޕްޓަރ އިން އިސްނަގައިގެން ތިނަދޫ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް. މި ހަރަކާތް ބޭއްވުމަށް ފަންޑުކޮށްދެއްވާފައިވަނީ ތިނަދޫ ކައުންސިލުން. މީގެ އިތުރުން ތިނަދޫ ޕޮލިސް، ތިނަދޫ ރީޖަނަލް ހޮސްޕިޓަލް، ޒޯން 7 ސްޓޭޑިއަމް ، ސްޕޯރޓްސް ކައުންސިލަރ، އަދި ބީއެމްއެލް ތިނަދޫ ބްރާންޗް އިން އެކި ހަރަކާތްތަކުގައި އިސްދައުރެއް އަދާކުރައްވަވާނެ” އަމީޒާ ވިދާޅުވިއެވެ.

ބައިނަލް އަގުވާމީ އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަކޮށްގެން ސްކީމުން ވަނީ އައްޑޫސިޓީގެ ފޭދޫގައި “ހަންހާރަ” ހަވީރި ގެ ނަމުގައި ކާމިޔާބު ހަރަކާތެއް ބާއްވާފައެވެ. އައްޑޫސިޓީގެ ފޭދޫ އަދި މަރަދޫ ރައްޔިތުންނާއި ސްކީމްގެ މެމްބަރުން ގުޅިގެން ސްކީމުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސްޕޮންސަރުންގެ ގޮތުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ފޭދޫ ހެޕީމާކެޓާއި ތްރީއެސް އަދި ހިތަދޫ ހެޕީޒޯން އިންނެވެ. މީގެ އިތުރުން އެމްޓީސީސީ އާއި ބީޓެކް އަދި ގަން ޕޮލިސް ގެ އެހީތެރިކަން މި އިވެންޓަށް ވަނީ ލިބިފައެވެ. ހަމަ މިއާއެކު ފޭދޫ އެއިމްސް ކްލިނިކުން މި އިވެންޓްގައި އުމުރުން ދުވަސްވީ މީހުންގެ މެޑިކަލް ޗެކަޕް ބެލުމާއި ސިއްހީ އިރުޝާދު ދިނުން ކުރިއަށް ގެންގޮސްފައިވެއެވެ.

ސްކީމަކީ ދެކުނުގެ ހަަތަރު އަތޮޅަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސަރަހައްދީ ޖަމިއްޔާއެކެވެ.