English Edition
Dhivehi Edition
އެޗްއީއޯސީގެ ތަރުޖަމާނު، ޑރ. ނަޒްލާ ރަފީޤު - ފޮޓޯ: އެޗްއީއޯސީ

އައްޑޫ ސިޓީގައި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކޮވިޑް19 އަށް ފައްސިވި އިންޑިއާ މީހުން ކަރަންޓީނުގެ އުސޫލުތަކާއި ޚިލާފުވެފައިވާކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ.ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މި މީހުންނަކީ އައްޑޫގައި އިމާރަތް ކުރަމުން އަންނަ ޕޮލިސް އެކަޑަމީގެ މަސައްކަތަށް ސަރުކާރުގެ އެހީގައި އިންޑިއާއިން އައިސްފައިވާ މީހުންނެވެ. މި މީހުންގެ ތެރެއިން 128 މީހުން ކަރަންޓީނުގެ މުއްދަތު ނިންމައި ކޮވިޑް19 އަށް ޓެސްޓު ކޮށްފައިވާއިރު އޭގެ ތެރެއިން 53 މީހަކު ވަނީ ފައްސިވެފައެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވިގޮތުގައި އެމީހުން ފައްސިވި ފަހުން އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު އެތަނުގެ ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހެއްވެސް ބައްޔަށް ފައްސިވެފައިވާ ކަމަށެވެ. މީގެ އިތުރުން އެ ސެކިއުރިޓީ ގާޑު ދިރިއުޅެނީ އެ ކުންފުނީގެ މެއިން ވޯކު ސައިޓުގައި ކަމަށާއި އެތަނަކީ އިންޑިއާ މީހުން ކަރަންޓީނުވެފައި ތިބި ތަނާއި ދުރުގައި ހުންނަ ތަނެއް ކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. މިހާރު އެ ސައިޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވިގޮތުގައި މިހާރު ޕޮލިސް އެކަޑަމީގެ ސައިޓުގައި މަސައްކަތް ކުރާ 230 މީހުންގެ ސާމްޕަލް ނަގާ ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު މިހާތަނަށް ލިބުނު ނަތީޖާތަކުގެ ތެރެއިން އެކަކު ވަނީ ބައްޔަށް ފައްސިވެފައެވެ. މި މީހާއަކީވެސް ބައްޔަށް ފައްސިވެފައިވާ މީހުން ކަރަންޓީނު ވެފައި ތިބި ސައިޓަށް ގޮސް އުޅުނު މީހެއްކަން އެނގިފައިވާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުރުން ޑރ.ނަޒްލާ ވިދާޅުވި ގޮތުގައި 128 މީހުންގެ އިތުރުން އެހެން ދުވަހަކު އައްޑޫއަށް ދިޔަ 8 މީހެއް ޓެސްޓު ކުރިއިރު އޭގެ ތެރެއިން އެކަކު ވަނީ ފައްސިވެފައިވާއެވެ.

ކަރަންޓީނުގެ އުސޫލާއި ޚިލާފުވި މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާއިރު މި ކޭސް އާއި ގުޅުން ހުރި 376 މީހެއްގެ ސާމްޕަލް މިހާރުވަނީ ނަގާފައެވެ. ނެގިފައިވާ ސާމްޕަލް ތަކުގެ ތެރެއިން ނަތީޖާ ލިބުނު މީހުންގެ ތެރެއިން ޖުމުލަ 56 މީހަކު ބައްޔަށް ފައްސިވެފައިވާއިރު އަދި 74 ސާމްޕަލްގެ ނަތީޖާ ނުލިބިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.