English Edition
Dhivehi Edition
ޓެކްސް އެޕީލް ޓްރައިބިއުނަލް - ފޮޓޯ: ފަޔާޒު މޫސާ (ސަން)

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ހިމެނިވަޑައިގަންނަވާ 5 މެންބަރުންގެ މަގާމުގެ މުއްދަތު 28 ނޮވެންބަރު 2020 ގެ ނިޔަލަށް ހަމަވާތީ، އެ ޓްރައިބިއުނަލަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި، މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

އެ މަޤާމަށް ކުރިމަތިލާ އެފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި މުސްލިމަކު ކަމުގައިވުމާއި، ދިވެހި ރައްޔިތަކު ކަމުގައިވުމާއި، ބުއްދި ސަލާމަތުން ހުރުމާއި، ޢުމުރުން 18 އަހަރު ފުރިފައިވުން އަދި މާލީ، ޓެކްސް، ވިޔަފާރި، އާއި އިޤްތިޞާދު ނުވަތު ޤާނޫނީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަދި ޓެކްސްއާ ގުޅުންހުރި ސިޔާސަތުތަކާބެހޭ ބަހުސްތަކާއި ނިންމުންތަކުގައި ފަންނީ ގޮތުން ބައިވެރިވެވޭ ވަރުގެ ޤާބިލު ފަރާތެއް ކަމުގައިވުން ހިމެނެއެވެ.

އަދި އެ ޝަރުތުތަކުގެ ތެރޭގައި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި، އިފްލާސް ކުރެވިފައިވާ މީހަކުކަމުގައި ނުވުމާއި، ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުމާއި، ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކުކަމުގައި ނުވުމާއި ސިޔާސީ މަޤާމެއްގައި ހުރި މީހެއްކަމުގައި ނުވުން އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުމުގެ އިތުރުން ސިވިލް ސަރވިސް މުވައްޒަފެއް ކަމުގައި ނުވުން އަދި މިނިވަން މުސްތަޤިއްލު މުވައްސަސާއެއްގެ މުވައްޒަފެއްކަމުގައި ނުވުން ހިމެނެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި ކުށުގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2020 އޮކްޓޫބަރު 12، 13 އަދި 14 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި އެ ފޯމުތަކާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.