އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ޝެފީލްޑް ޔުނައިޓެޑް އަތުން އާސެނަލް މޮޅުވިއިރު، ލެސްޓާ ސިޓީގެ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވެ، އެ ޓީމުން ލީގުގައި ބަލިނުވެ ދަމަހައްޓަމުންއައި ރެކޯޑް ނިމުމަކަށް އައިސްފިއެވެ.
އަމިއްލަ ދަނޑުގައި ޝެފީލްޑް އަތުން 2-1 އިން އާސެނަލް މޮޅުވިއިރު، ވެސްޓް ހޭމް އަތުން ލެސްޓާ ބަލިވީ 3-0 އިންނެވެ.
މިއީ ލީގުގައި މިދިޔަ އަހަރުގެ ޑިސެންބަރު މަހު ޗެލްސީ އަތުން 2-1 އިން ބަލިވި ފަހުން އަމިއްލަ ދަނޑުގައި އާސެނަލް އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވި ނުވަ ވަނަ މެޗެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ހަތަރު މެޗުން 12 ޕޮއިންޓާއެކު އޮތް އެވަޓަން އަށް ވުރެ ތިން ޕޮއިންޓް ފަހަތުން ލެސްޓާ އޮތީ ދެވަނައިގައެވެ. ހަމަ މި އަދަދަށް ލިވަޕޫލްގެ އިތުރުން އާސެނަލަށް ޕޮއިންޓް ލިބިފައިވާއިރު، ލެސްޓާ އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ އިތުރުން ޝެފީލްޑް އަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރެވިފައެއްނުވެއެވެ. މި ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން ދުރުން ފޮނުވާލި ބޯޅަ ޝެފީލްޑްގެ ގޯލްކީޕަރު އާރޮން ރަމްސްޑޭލް މަތަކުރިއެވެ.
އާސެނަލަށް ލީޑްނަގައިދިނީ މެޗުގެ 61 ވަނަ މިނެޓުގައި ހެކްޓަ ބެލަރީން ނަގައިދިން ހުރަހަކުން ޒުވާން ވިންގާ ބުކާޔޯ ސާކާ އެވެ. އޭގެ ތިން މިނެޓުފަހުން، މި ހާފުގައި ކުޅެން ނިކުތް އައިވަރީ ކޯސްޓްގެ ހުނަރުވެރި ވިންގާ ނިކޮލަސް ޕެޕޭ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މިއީ އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ގުޅިގެން 19 ޕާހާއެކު އުފެއްދި ފުރިހަމަ އެޓޭކަކުން ޕެޕޭ ކާމިޔާބުކުރި ރީތި ގޯލެކެވެ. ޝެފީލްޑް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޑޭވިޑް މެކްގޯލްޑްރިކް އެވެ.
ލީގުގައި އެންމެ ފަހުން އެތިހާދު ސްޓޭޑިއަމްގައި ދެއްކި މޮޅުކުޅުމާއެކު 5-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިކޮށް އިތުބާރާއެކު ލެސްޓާ އިން ކިންގްޕަވާ ސްޓޭޑިއަމްގައި ވެސްޓްހޭމްއާ ދެކޮޅަށް ކުޅުނު މެޗުގައި ފެނިގެންގޮސްފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 14 ވަނަ މިނެޓުގައި ވެސްޓް ހޭމުން ލީޑްނެގީ މިހައިލް އެންޓޯނިއޯ ކާމިޔާބުކުރި ގޯލުންނެވެ.
ވެސްޓް ހޭމުން ޖެހި ދެވަނަ ލަނޑު، މެޗުގެ 34 ވަނަ މިނެޓުގައި ޕަބްލޯ ފޯނާލްސް ކާމިޔާބުކޮށްދިންއިރު، މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ ފަހު ލަނޑުޖަހައިދިނީ ޖަރޮޑް ބޯވެން އެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ލެސްޓާގެ ހާވޭ ބާންސް ގޯލެއް ކާމިޔާބުކުރި ނަމަވެސް، ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެ ބޯޅަ ބާންސް ފޮނުވާލުމުގެ ކުރީން އެ ޓީމުގެ ފޯވާޑް ޖެމީ ވާޑީ އޮފްސައިޑް ކަމަށް ނިންމައި، އެ ގޯލް ގަބޫލެއްނުކުރިއެވެ.
މި މުބާރާތުގައި އިއްޔެ ކުޅުނު ފާހަގަކޮށްލެވޭ މެޗުތަކަށް ބަލާއިރު، ބްރައިޓަން އަތުން 4-2 އިން އެވަޓަން މޮޅުވިއިރު، ޗެލްސީ ވަނީ 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ. އަލަށް ޕްރޮމޯޓުވި ލީޑްސް ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީއާ 1-1 އިން އެއްވަރުކޮށްފައެވެ.