އައްޑޫ ސިޓީގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރެވުނު ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރި ޝަމްވީލް ގާސިމް (ބޮންޑާ) އާއި މަސްތުވާތަކެއްޗާއި އެއްވެސް އިރެއްގައި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް އޭނާގެ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވެއްޖެއެވެ.
ބޮންޑާގެ ގާނޫނީ ވަކީލު ޝަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަސްތުވާތަކެއްޗާއި އެއްވެސް ގުޅުމެއް ބޮންޑާ އާއި ނޯންނާނެ ކަމުގެ ޔަގީންކަން ބޮންޑާގެ ފަރާތުން އަރުވާ ކަމަށެވެ.
އެގޮތުން ބޮންޑާ ހައްޔަރު ކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫއިން ކަމަށާއި ހައްޔަރު ކުރެވުނު އިރު ބޮންޑާގެ އަތުން ނުވަތަ އޭނާއާއި ގުޅުން ހުރި އެއްވެސް ތަނަކުން މަސްތުވާ އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށްވެސް ޝަމީލް ކުރެއްވި ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ބޮންޑާ ހައްޔަރު ކުރެވުނީ މަސްތުވާތަކެއްޗާއި އެއްކޮށް ކަމަށް ބައެއް މީޑިއާތަކުން ފަތުރާފައިވާ ޙަބަރުތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމުގައިވެސް ޝަމީލު ވަނީ ވިދާޅުވެފައެވެ.
“އައްޑޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަޅުގަނޑުގެ މުވައްކިލު ޝަމްވީލް ޤާސިމް (ބޮންޑާ) ހައްޔަރުކޮށްފައިވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ކަމަށް ބައެއް މީޑިއާތަކުގައި ފަތުރާފައިވާ ޙަބަރަކީ ކަނޑައެޅިގެން ހަގީގަތާ ޙިލާފު ވާހައެއްކަމުގައި ދަންނަވަން” ޝަމީލް ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮންޑާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި އޭނާ މަހަށް ގޮސް އައިތަނުން ހިތަދޫ ބަނދަރު މަތިންނެވެ.