މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމުގެ މަސައްކަތް ކާމިޔާބު ކުރެވެނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މި ސަރުކާރުން ސިޔާސީ ހިމާޔަތް ނުދޭތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިފަދައިން ޓުވީޓު ކުރައްވާފައިވަނީ އިއްޔެ ފުލުހުން އައްޑޫ ސިޓީގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަފު ޖަހާފައި ކަނޑުމަތިން އިއްޔެ އައްޑޫ ސިޓީ ހިތަދޫއަށް އެތެރެ ކުރަން އުޅުނު އެތައް ބިލިއަން ޑޮލަރެއްގެ އަގު ހުރި 88 ކިލޯގެ މަސްތުވާތަކެތި ދިވެހި ފުލުން އަތުލައިގަނެފައިވަނިކޮށެވެ.
އެ އޮޕަރޭޝަނާއި ބެހޭގޮތުން މިނިސްޓަރ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އެ މަސްތުވާތަކެތި ދިވެހި ފުލުހުން އަތުލައިގަނެފައިވަނީ ފުލުހުންގެ އެކި ފަންނު ތަކާއި، ހާއްސަކޮށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންތުގެ ހުނަރާއި ގާބިލުކަން ބޭނުންކޮށްގެން ކަމަށެވެ.
މިއަދު ހުޅުމާލޭގައިވެސް ވަނީ ކުއްތާ ބޭނުންކޮށްގެން ވަރުގަދަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި އޮޕަރޭޝަންގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އެސްއޯ ފުލުހުންނާއި ކުލަ ހެދުމުގައި ތިބި ފުލުހުން ބައިވެރިވެފައިވާއިރު މި އޮޕަރޭޝަންގައި ވަނީ އެ ސަރަހައްދުގެ ބައެއް ގެތައް ބަލައި ފާސް ކޮށްފައެވެ. މި އޮޕަރޭޝަނާ ގުޅިގެން މަސްތުވާތަކެތި ފެނުނު ކަމެއް އަދި މި މައްސަލައިގައި މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން އަދި އާންމުކޮށްފައެއް ނުވެއެވެ.
އިއްޔެ އައްޑޫ ސިޓީގައި ހިންގުނު އޮޕަރޭޝަނާއި ގުޅޭގޮތުން މިއަދު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި 80 ކިލޯގެ މަސްތުވާތަކެތި އަތުލާފައިވާކަމަށާއި، އަތުލައިގަނެވުނު މަސްތުވާތަކެތި ރާއްޖެއަށް ސަޕްލައިކުރި ފަރާތެއް ހޯދުމަށް ބޭރުގެ އިދާރާތަކާއި ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ހިންގި މި ހާއްސަ އޮޕަރޭޝަނެއްގައި ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރި ޝަމްވީލް ގާސިމް (ބޮންޑާ)ވެސް ހައްޔަރުކޮށްފައިވާއިރު ގިނަ ބަޔަކުވަނީ މީސްމީޑިއާގައި އޭނާ ދޫކޮށްލުމަށް ގޮވާލައިފައެވެ