English Edition
Dhivehi Edition
އައްޑޫ ސިޓީ ހަންކެޑެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ނާޖިހު (ޓްވިޓާ)

އައްޑޫ ސިޓީ ހަންކެޑެ ސަރަޙައްދު އިރުމަތީފަރާތު ގޮނޑުދޮށުން ޤަވާއިދާއި ޚިލާފަށް ވެލިނެގި މައްސަލައާއި ގުޅިގެން ދެ މީހަކު ޖޫރިމަނާކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ތިމާވެށި ޙިމާޔަތްކުރުމާބެހޭ ގަވާއިދުގެ 09 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް 13 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ހަންކެޑެ ސަރަޙައްދު އިރުމަތީފަރާތު ގޮނޑުދޮށުން ޤަވާއިދާއި ޚިލާފަށް ވެލި ނަގާފައިވާތީ، އެ ޤަވާއިދުގެ 15 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ސ.މަރަދޫ ފަތިހަށްފޮޅޭމާގެ، ޢަލީ ނިމާލް އާއި ސ.މަރަދޫ ގުލްފާމްގެ، އަޙްމަދު އަނަސް، 500ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ޢަމަލެއް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށާއި، އެހެންކަމުން ޖޫރިމަނާގެ ފައިސާ މަރަދޫ އަވަށު އޮފީހަށް 10 ދުވަސް ތެރޭ ދެއްކުމަށް އަންގާ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

ކައުންސިލުން ބުނީ އެ އެންގުމާއި ޚިލާފުވެއްޖެނަމަ ލާމަރުކަޒީ ޤާނޫނުގެ 140 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.

މީގެ ކުރިންވެސް އައްޑޫ ސިޓީގެ އެކި ސަރަޙައްދުތަކުން ޤަވާއިދާ ޚިލާފަށް ވެލި ނެގުމާއި ގުޅިގެން ބައެއް މީހުން ވަނީ ޖޫރިމަނާކޮށްފައެވެ. އޭގެ ތެރެއިން 18 އަހަރުން ދަށުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ.