އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ޖެމީ ވާޑީ ވައްދާލި ހެޓްރިކާއެކު ރަށުން ބޭރުގައި މެންޗެސްޓާ ސިޓީގެ މައްޗަށް ކުރިހޯދައި ލެސްޓާ ސިޓީން ތާވަލްގެ އެންމެ ކުރިއަށް ޖެހިލައިފިއެވެ. ރޭގެ މެޗުން ލެސްޓާ މޮޅުވީ 5-2 އިންނެވެ.
މިއީ ސިޓީ އަށް ކޯޗުކޮށްދެމުން އަންނަ ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމެއް ކޮޅަށް ފަސް ގޯލް ވަތް ފުރަތަމަ ފަހަރެވެ. އަދި ސިޓީގެ ކޯޗުކަމާ ގާޑިއޯލާ ހަވާލުވިފަހުން އެ ޓީމު ކޮޅަށް ހެޓްރިކް ހެދި ތިންވަނަ ފަހަރެވެ. މީގެތެރެއިން، ވާޑީ ދެ ފަހަރު ހެޓްރިކް ހަދާފައިވާއިރު، އަނެއް ފަހަރު ހެޓްރިކް ހެދީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ.
ރޭގެ ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗު ކާމިޔާބުކޮށް ސައްތައިގެ ރެކޯޑަކާއެކު ފައިދާ ގޯލްގެ ތަފާތުން އެއްވަނައިގައި އުޅެނީ ލެސްޓާ އެވެ. ދެވަނައިގައި އޮތީ އެވަޓަން އެވެ. މިވަގުތު ތިންވަނައިގައި އޮތް އާސެނަލާއި، ހަތަރުވަނައިގައި އުޅޭ ލިވަޕޫލަށް ވެސް މިރޭ މި ދެ ޓީމު ބައްދަލުކުރާ މެޗު ކާމިޔާބުކޮށްގެން ނުވަ ޕޮއިންޓް ހަމަކުރުމުގެ ފުރުޞަތު އެބައޮތެވެ.
ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި ކުރީން ލީޑްނެގީވެސް އެ ޓީމުންނެވެ. މިލަނޑު އެ ޓީމަށް ޖަހައިދިނީ ކުރީން ލެސްޓާގައި މޮޅުކުޅުމެއްދެއްކި އަލްޖީރިއާގެ އިތުބާރު ވިންގާ ރިޔާދް މާރޭޒް އެވެ. ލެސްޓާ އިން ނަތީޖާ ހަމަހަމަކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 37 ވަނަ މިނެޓުގައި ވާޑީ އަށް ސިޓީގެ ޑިފެންޑަރު ކައިލް ވޯކާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުންނެވެ. ވާޑީ ވަނީ މި ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ލެސްޓާ އިން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނެގީ ފަހު ހާފުގެ ކުޅުން ފެށިގެން އަށްވަނަ މިނެޓުގައި އެ ޓީމުގެ ޓިމޮތީ ކަސްޓާނިއޭ ނަގައިދިން ރީތި ހުރަހަކުން ވާޑީ ކާމިޔާބުކުރި ހިތްގައިމު ގޯލުންނެވެ. އޭގެ ފަސް މިނެޓުފަހުން، ވާޑީ އަށް ސިޓީގެ އެރިކް ގާސިއާ ކުރި ފައުލަށް ރެފްރީ ވަނީ ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ވާޑީ ވަނީ ލީޑް އިތުރަށް ފުޅާކޮށްފައެވެ.
އޭގެފަހުން، މެޗުގެ 77 ވަނަ މިނެޓުގައި ފަހު ހާފުގައި ކުޅެން ނިކުތް ޖޭމްސް މެޑިސަން ވަނީ އޭރިޔާބޭރުން ފޮނުވާލި ރީތި ހަމަލާއަކުން ނަތީޖާ 4-1 އަށް ބަދަލުކޮށްލާފައެވެ. އޭގެ ހަތް މިނެޓުފަހުން، ސިޓީން މި މެޗުގައި ޖެހި ދެވަނަ ލަނޑުޖަހައިދިނީ މި ފަހަރުގެ ސީޒަނަށް ބޯންމައުތުން އެ ޓީމަށް ގެނައި ޑިފެންޑަރު ނޭތަން އަކޭ އެވެ. އޭގެފަހުން، މެޗުނިމެން ދެ މިނެޓަށްވެފައިވަނިކޮށް ލެސްޓާ އަށް ލިބުނު ޕެނަލްޓީއަކުން ޔޫރީ ޓީލަމަންސް ވަނީ އެ ޓީމުގެ ފަސްވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. މިއީ ލެސްޓާގެ މެޑިސަން އަށް ސިޓީގެ ބެންޖަމިން މެންޑީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާ ވަނީ އަމިއްލަ ދަނޑުގައި 1-1 އިން ނިއުކާސަލް ޔުނައިޓެޑާ އެއްވަރުވެފައެވެ. ޓޮޓެންހަމްގެ ލަނޑުޖަހައިދިނީ ލޫކަސް މޯރާ އެވެ. މެޗުގެ ފަހުވަގުތުގައި ނިއުކާސަލް އަށް ލިބުނު ޕެނަލްޓީއަކުން އެއްވަރުކޮށްދިނީ ކެލުމް ވިލްސަން އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑް ވަނީ 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ވުލްވްސް ބަލިކޮށްފައެވެ. ރޭގެ މެޗުގައި ވެސްޓް ހޭމްގެ ޖަރޮޑް ބޯވެން ދެލަނޑުޖެހިއިރު، ސެބާސްޓިއަން އަލާ ވެސް ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. ވެސްޓް ހޭމްގެ އަނެއް ލަނޑަކީ ވުލްވްސްގެ ފޯވާޑް ރައުލް ހިމެނޭޒް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.