އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުތަކުން އޭސީ މިލާނާއި، ނަޕޯލީ މޮޅުވިއިރު އޭއެސް ރޯމާއާ ދެކޮޅަށް ކުޅެ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އެއްވަރުވެއްޖެއެވެ.
ކްރޮޓޯނޭގެ ދަނޑުގައި 2-0 އިން މިލާން މޮޅުވިއިރު، ނަޕޯލީ ވަނީ އަމިއްލަ ދަނޑުގައި 6-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ޖެނޯއާ ބަލިކޮށްފައެވެ. ރޯމާގެ ދަނޑުގައި ޔުވެންޓަސް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ރޯމްގެ ސްޓާޑިއާ އޮލިމްޕިކޯގައި ރޭ ކުޅުނު މެޗުގެ 31 ވަނަ މިނެޓުގައި ރޯމާ އިން ލީޑްނެގީ ލިބުނު ޕެނަލްޓީއަކުން ޖޯޑަން ވެރެޓޫ އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން ޔުވެންޓަސްގެ އެޑްރިއެން ރަބިއޯގެ އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެފަހުން، މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ޔުވެންޓަސް އަށް ނަތީޖާ ހަމަހަމަކޮށްދީފައިވަނިކޮށް އިތުރުވަގުތުގައި ވެރެޓޫ ވަނީ ރޯމާ އަށް އަލުން ލީޑްނަގައިދީފައެވެ.
ދެވަނަ ހާފުގައި ޔުވެންޓަސްގެ ރަބިއޯ އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތެއް ދެއްކުމުން އެ ޓީމުން ލަނޑެއްޖެހުމަށް ކުރި މަސައްކަތަށް ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ކުރިމަތިވިނަމަވެސް، މެޗުގެ 69 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ އިތުރު ގޯލެއްޖަހައި ޕޮއިންޓެއް ކަށަވަރުކޮށްދީފައެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި ޒްލަޓާން އިބްރާހިމޮވިޗް ނުލައި ކުޅުނު މެޗުގައި މިލާނުގެ ލަނޑުތައް ޖަހައިދިނީ ފްރޭންކް ކެސިއޭ އާއި ބްރާހިމް ޑިއާޒެވެ.
ލީގުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އަނެއް މެޗުގައި ނަޕޯލީގެ ސްޓާޑިއޯ ސަން ޕައޮލޯގައި ޖެނޯއާ އަތުން 6-0 އިން މޮޅުވިއިރު، އެ ޓީމުގެ ހާވިގް ލޮޒާނޯ ދެ ގޯލް ޖެހިއެވެ. އަނެއް ހަތަރު ލަނޑު ޖެހީ ޕިއޮޓްރޭ ޒިއެލިންސްކީ، ޑްރީސް މާޓެންސް، އެލިފް އެލްމާސް އަދި މަޓެއޯ ޕޮލިޓާނޯ އެވެ.
ރޭގެ މެޗާއެކު ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗު ކާމިޔާބުކޮށް ސައްތައިގެ ރެކޯޑަކާއެކު ތާވަލްގެ އެންމެ ކުރީގައި އުޅޭ ތިން ޓީމުގެ ތެރޭގައި މިލާނާއި ނަޕޯލީ ވަނީ ހިމެނިފައެވެ. ފައިދާ ގޯލްގެ ތަފާތުން ނަޕޯލީ އެއްވަނައިގައި އޮތް އިރު، މިލާން އޮތީ ތިންވަނައިގައެވެ. ހެލަސް ވެރޯނާ އުޅެނީ ދެވަނައިގައެވެ.