English Edition
Dhivehi Edition

މި ފަހަރުގެ ސީޒަނުގައި ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް އާ ކުޅުންތެރިން ނުގެންނާނެ ކަމުގެ އިޝާރާތެއް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ދީފި އެވެ.

ލީގުގައި ރެއާލް ބެޓިސް އަތުން 3-2 އިން މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން ޒިދާން ބުނީ މިވަގުތު އޮތް ސްކޮޑާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

“މީގެކުރިން ބުނެފައިވާ ފަދައިން މިވަގުތު އަހަރެމެންގެ މިއޮތް ސްކޮޑާމެދު ހިތްހަމަ ޖެހޭ،”

“މި ފަހަރުގެ އެންމެ ބޮޑު އަމާޒަކީ ރަނގަޅު ނަތީޖާތަކެއް ނެރެގެން ފުރިހަމަ ކާމިޔާބުކަމާއެކު ސީޒަން ނިންމާލުން.” ޒިދާން ބުންޏެވެ.

ރެއާލުން މި ފަހަރުގެ ސީޒަނާއި ކުރިމަތިލީއިރު ކުޅުންތެރިން ވިއްކައިގެން 100 މިލިއަން ޔޫރޯއާ ގާތްކުރާ އަދަދަކަށް އާމްދަނީ ހޯދާފައިވާއިރު، ބަދަލުގައި އެއްވެސް ކުޅުންތެރިއެއް ގެނެސްފައެއް ނުވެއެވެ.

އެގޮތުން، ގަރެތު ބޭލް އާއި ހަމޭސް ރޮޑްރިގޭޒްގެ އިތުރުން އަޝްރަފް ހަކީމީ އަދި ސާޖިއޯ ރެގީލޯން ދޫކޮށްލާފައިވާއިރު، ޓީމާ ގުޅިފައިވަނީ ލޯން އުސޫލުން އެހެން ކްލަބުތަކަށް ކުޅުމަށްފަހު އެނބުރިއައި އަލްވާރޯ އޮޑްރިއޮޒޯލާ އާއި މާޓިން އޮޑެގާޑްއެވެ.