English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މާލޭގެ ޕާކުކުރުމާއި ޓްރެފިކްގެ މައްސަލަތައް ޙައްލުކުރުމާއި ގުޅޭގޮތުން ކަމާއިގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާލޭގެ ޕާކުކުރުމާއި ޓްރެފިކްގެ މައްސަލަތަކަށް ޙައްލު ހޯދުކަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ދަޢުލަތުގެ ކަމާއިގުޅޭ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި، މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ މެންދުރުފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޕާކުކުރުމުގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން ޕާކުކުރެވޭނެ ޖާގަ އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި، މާލޭގެ މަގުތަކުގައި ތޮއްޖެހުން ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިންނާއިއެކު މަޝްވަރާކުރައްވާފައެވެ.

އެގޮތުން އެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި، މާލޭގައި ޕާކުކުރުމަށް ޚާއްޞަ ޖާގަތަކެއް ކަނޑައެޅުމާއި، އެ ކަމަށް ޚާއްޞަ ޢިމާރާތްތަކެއް ބިނާކުރުމާއި، ޢާންމު ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ބަހުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން، އެއްގަމުގައި ދުއްވާ އުޅަނދުފަހަރަށް މުދާ އަރުވާ ބޭލުމުގެ ކަންކަން ވަކި އިންތިޒާމެއްގެ ދަށުން ހަމަޖެއްސުމާއި، ކުނި ނެގުމުގެ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާކުރުމާއި ގުޅޭގޮތުން ވެސް އެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގެ ބައިވެރިން ވަނީ އެ މައްސަލަތައް ޙައްލުކުރުމުގައި އެ ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާތަކުން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން އެ ބޭފުޅުންގެ ޚިޔާލު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމާއި އަޙްމަދު ސަމީރުގެ އިތުރުން މާލެ ސިޓީގެ މޭޔަރާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް ބޭފުޅުން ބައިވެވަޑައިގެންނެވިއެވެ.