ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރިޔަށް ގެންދާ މަޝްރޫޢުގެ ދަށުން އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާއި ގުޅިގެން ކޮންޓްރެކްޓް ފާމިންގ ކުރުމުގެ ފުރުސަތު ފުވައްމުލައް ސިޓީގައި ހުޅުވާލައިފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ހާމަ ކުރި ގޮތުގައި މި މަޝްރޫއުގެ ދަށުން ރާއްޖޭގައި ހައްދާ ދަނޑުވެރިކަމުގެ މައިގަނޑު 17 ބާވަތެއް އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއާއި ދަނޑުވެރިޔާއާއި ދެމެދުވެވޭ އެއްބަސްވުމެއްގެ ތެރެއިން އެކުންފުނިން ގަންނަމުންދާނެއެވެ. މީގެ އިތުރުން އެ އެއްބަސްވުމުގެ ދަށުން ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އެހީއާއި މާލީއެހީތެރިކަން އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އިން ފޯރުކޮށްދޭނެކަމަށް ކައުންސިލުންވަނީ ހާމަކޮށްފައެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާއި ގުޅިގެން ކޮންޓްރެކްޓް ފާމިންގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 27 ވާ ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައެވެ. އެ ގޮތުން ބައިވެރިވާން ބޭނުންވާ ފަރާތްތަކުން https://docs.google.com/forms/d/e/1FAIpQLSfuIoEfjZDpm1VMRdQPwwXbxvfcfWwqRgXEJpF5DCsLQUPIWQ/viewform?usp=pp_urllll ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ. އޮންލައިންކޮށް ރަޖިޓްރީ ކުރެވެން ނެތް ފަރާތްތަކުން ކައުންސިލްގެ ނަންބަރ 6865001 އާ ގުޅައިގެން ނަންނޯޓު ކުރެއްވުމަށްވެސް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
ފުވައްމުލަކަކީ ނިސްބަތުން ވިޔަފާރީގެ ބޭނުމަށް ދަނޑުވެރިކަން ކުރަމުން އަންނަ މީހުން ރަށުގެ އާބާދީއާއި ބަލާއިރު މަދު ރަށެކެވެ. ދަނޑުވެރިކަން ކުރަން ބޭނުން ކަމުގައިވިޔަސް ރަށުގައި ބިމުގެ ދަތިކަން އޮތުމުގެ ސަބަބުން ގިނަ ފަރާތްތަކަކަށް ވަނީ ދަނޑުވެރިކަން ކުރުމަށް ހުރަސްތަކާއި ދިމާވެފައެވެ.