ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ޤާނޫނު ނަންބަރު 7/2010، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 166 ވަނަ މާއްދާގެ (ޅ) ގެ ދަށުން ފުވައްމުލައް ސިޓީގެ ގޮނޑުދޮށަށް ލައްގާ ވެލި، އަކިރި، ގާ އަދި މުރަކަ ފަދަ ތަކެތި ޙިމާޔަތް ކުރުމަށް އެކުލަވާލާފައިވާ “ފުވައްމުލަކު ސިޓީގެ ތިމާވެށި ހިމާޔަތްކުރުމާބެހޭ ޤަވާއިދު 1.1” ގެ ޑްރާފްޓު ނިމި ޢާއްމު ފަރާތްތަކުގެ ޙިޔާލު ހޯދުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން އިއްޔެ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ އެ ޤަވާއިދަށް ޙިޔާލު ހޯދުމަށް ބޭނުންވާތީ ފުވައްމުލައް ސިޓީގައި ރަޖިސްޓްރީ ކޮށްފައިވާ ޖަމްޢިއްޔާތަކަށާއި، ސްކޫލްތަކަށާއި ކަމާގުޅުން ހުރި ދައުލަތުގެ މުއައްސަސާތަކަށާއި އަދި ޢާއްމު ފަރާތްތަކަށް އެ ޤަވާއިދުގެ ޑްރާފްޓަށް ޙިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
ފުވައްމުލަކު ސިޓީގެ ތިމާވެށި ހިމާޔަތްކުރުމާބެހޭ ޤަވާއިދު 1.1ގެ ޑްރާފްޓް އެ ސިޓީ ކައުންސިލުގެ ފޭސްބުކް ޕޭޖް އަދި ކައުންސިލުގެ ވެބްސައިޓުން ލިބެން ހުރި އިރު އެ ޑްރާފްޓަށް ލިޔުމުން ޙިޔާލު ހުށައަޅަން ބެނުންވާ ފަރާތްކަކުން [email protected] އަށް ޚިޔާލު ފޮނުވުމަށްވެސް އެ ކައުންސިލުގެ އިޢުލާނުގައިވަނީ އެދިފައެވެ.
މީގެ އިތުރުން ޖަމްޢިއްޔާތަކާއި ސްކޫލްތަކާއި ޢާއްމު ފަރާތްތަކުގެ ޚިޔާލު ހޯދުމަށްޓަކައި ބާއްވާ ބައްދަލުވުމެއް މި މަހުގެ 27 ވަަނަ ދުވަހުގެ 13:30ގައި ފުވައްމުލައް ސިޓީ ކައުންސިލުގެ ކުރުނދުމާ މާލަމުގއި އޮންނާނެކަމަށްވެސް އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. އަދި މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީގައި ރަޖިސްޓްރީ ކޮށްފައިވާ ޖަމްޢިއްޔާތަކަށާއި، ސްކޫލްތަކަށާއި ކަމާގުޅުން ހުރި ދައުލަތުގެ މުއައްސަސާތަކަށާއި އަދި ޢާއްމު ފަރާތްތަކަށް ބައިވެރިވެވޭނެ ކަމަށްވެސް އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
ފުވައްމުލަކު ސިޓީގެ ތިމާވެށި ހިމާޔަތްކުރުމާބެހޭ ޤަވާއިދު 1.1ގެ މައިގަނޑު މަޤުސަދަކީ އެ ސިޓީގެ އިޙްސިސާސް ހިނގާ ސަރަހައްދުތަކުން (ކަނޑުއަޑި، ގޮނޑުދޮށް، ހޭޅިފަށް، ތުނޑި ސަރަހައްދު، ރަށު ތެރޭގެ އެއްވެސް ސަރަހައްދެއް އަދި ފުވައްމުލަކުގެ އިޙްތިސާސް ހިނގާ ކަނޑުގެ އެއްވެސް ސަރަހައްދެއް) ދޮންވެލި، ވެލި، އަކިރި، ގާ އަދި މުރަކަ ފަދަ ތަކެތި ނެގުން ހުއްޓުވުމާއި ގަވާއިދާ ޙިލާފަށް އެފަދަތަކެތި ނަގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމެވެ.
ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި ގޮނޑުދޮށުން ވެލި ނެގުމާއި އެ ވިއްކުން އާންމު ވެފައިވާއިރު އެ ރަށުގެ އެކި ސަރަހައްދުން ރަށް ގިރުމުގެ މައްސަލައަކީ ޒަމާންވީ މައްސަލައެކެވެ. ރަށް ގިރުމުގެ މައްސަލައަށް އަމަލީ ހައްލެއް ނުލިބި ލަސްވަމުން އައުމަކީ ފުވައްމުލައް ސިޓީގެ ގިނަ ބައެއް ކުރަމުން އަންނަ ޝަކުވާއެކެވެ.