ފުވައްމުލައް ސިޓީ ކައުންސިލުން ހިމަނާފައިވާ އެ ރަށުގެ ތަރައްޤީގެ ޕްލޭންގެ މަގުސަދު ޙާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން ހިންގުމަށް، މިއަހަރު ތަންފީޒުކޮށްފައިވާ އެ އިދާރާގެ ވޯކްޕްލޭންގައި ރޭވިފައިވާ ކަންތައްތަކުގެ ތެރެއިން ޖުލައި އަދި އޮގަސްޓު މަހު ހިންގުނު ހަރަކާތްތަކަށް އަމަލީ ސިފަ އައިސްފައިވާ މިންވަރު އާންމުކޮށްފިއެވެ.
މި ރިޕޯޓަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު 7/2020 ގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ “ތަރައްޤީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ މައުލޫމާތު” ހާމަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން ހިންގަމުންދާ 5 އަހަރުގެ ތަރައްޤީގެ ޕްލޭން 2019 އިން 2023 އަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު ރިޕޯޓުގައި މައިގަނޑު ގޮތެއްގައި އެކުލަވާލައިފައިވަނީ 6 ދާއިރާއަކާއި ގުޅުންހުރި ލަނޑު ދަނޑި ތަކެއް ހާސިލުކުރުމަށެވެ. އެއީ ދިވެހިރާއްޖޭގެ ޤަވާއިދު، ރަށުގެ އާންމު ތަރައްޤީ، ރައްޔިތުންގެ އާންމު ސިއްޙަތު، ދިރިއުޅުމުގެ ހާލަތު، ކުޅިވަރުގެ ދާއިރާ އަދި އަމަލީ ތަޖުރިބާ ހޯދުމުގެ ފުުރުސަތު އިތުރު ކުރުމެވެ.
މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ނަތީޖާ އެންމެ ރަނގަޅު މިންވަރަކަށް ޙާސިލުކުރެވިފައިވަނީ ރައްކާތެރި ގޮތެއްގައި ކުނި ނައްތާލެވިގެން ދިއުން އަދި ބަލިތަކާއި ގުޅޭ ރަނގަޅު މަޢުލޫމާތު އެނގިގެން ދިއުމާއި ގުޅޭ ލަނޑުދަނޑިތަކަށެވެ. ސައްތަ އިން ސައްތަ ނަތީޖާ މި ދެ ދާއިރާއިން ޙާސިލުކުރެވިފައިވާއިރު ރައްކާތެރިގޮތެއްގައި ކުނި ނައްތާލުމުގެ މަގުސަދު ޙާސިލުކުރުމުގެ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލުންވަނީ ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުމާއި ބެހޭ ގޮތުން ގޭބިސީތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ހަރަކާތްތައް ހިންގާފައެވެ. މީގެ އިތުރުން ޖުލައި އަދި އޮގަސްޓު މަހު ބަލިތަކާއި ބެހޭ ގޮތުން ރަނގަޅު މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން އެރަށު ކައުންސިލުންވަނީ ފުވައްމުލައް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތް ޔުނިޓްއާއި ގުޅިގެން ކޮވިޑް19 އާއި ގުޅުންހުރި މައުލޫމާތު ދިނުމުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގާފައެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު ތަރައްޤީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ ރިޕޯޓުގައިވާ ގޮތުން 90 އިންސައްތަނަތީޖާ ޙާސިލުކުރެވިފައިވަނީ މައިގަނޑު 3 ލަނޑުދަނޑިއަކަށެވެ. އެއީ ޤަވާއިދާ ޙިލާފަށް މަސައްކަތް ކުރާ ބިދޭސީން މަދުވެގެން ދިއުން، ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެން ދިއުން އަދި ކުޅިވަރު ކުޅޭނެ ދަނޑުތަކެއް ހެދިގެން ދިއުމެވެ.
ޤަވާއިދާ ޙިލާފަށް ފުވައްމުލަކުގައި މަސައްކަތްކުރާ ބިދޭސީން މަދުކުރުމުގެ ގޮތުން އެ ކައުންސިލުގެ އިސްނެންގެވުމާއެކު 3 ފަހަރެއްގެ މަތިން ޖުމްލަ 45 މީހެއް އަނބުރާ ގައުމަށް ފޮނުވާލައިފައެވެ. މީގެ އިތުރުން ފުވައްމުލައް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އެ ރަށުގެ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމުގެ ގޮތުން “ދުޅަހެޔޮ ހަށިހެޔޮ” ގެ ނަމުގައި ކަސްރަތު ޕްރޮގްރާމެއް ހިންގާފައެވެ. އަދި ކުޅިވަރު ކުޅޭނެ ރަނގަޅު ދަނޑުތަކެއް ހެދުމުގެ ގޮތުން އެ ކައުންސިލުން ވަނީ ރަށުގެ އިޖްތިމާއީ ސަރަހައްދު ތަރައްގީކޮށްފައެވެ.
މަދިރި އުފެދޭ ތަންތަން ނައްތާލުމާއި އަމަލީ ތަޖުރިބާ ހޯދާނެ ފުރުސަތު އިތުރު ކުރުން އަދި ރަށުގައި ފެންބޮޑުވާ މިންވަރު ހައްލުކުރުމަށް ކައުންސިލުން ކުރި މަސައްކަތުގެ 80 އިންސައްތަ މިންވަރު ވަނީ ޙާސިލުކޮށްފައެވެ. އެގޮތުން މަދިރި އުފެދޭ ތަން ތަން ބަލައި އެ ތަން ތަން ނައްތާލުމުގެ ޕްރޮގްރާމެއް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ހިންގާފައެވެ. މީގެ އިތުރުން އެސިޓީގައި ޕަބްލިކް ލައިބްރަރީ އެއް ތަރައްގީކުރުމާއި ދިމާވާ ގުދުރަތީ ކާރިސާތަކާއި ގުޅިގެން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކައުންސިލުން ވަނީ ފާއިތުވި ޖުލައި އަދި އޮގަސްޓު މަހު މަސައްކަތްތަކެއްކޮށްފައެވެ.
ފުވައްމުލައް ސިޓީ ކައުންސިލުންވަނީ ދާދި ފަހުން ގއ. އަތޮޅު ކައުންސިލާއި އެކު “ސިސްޓަރ އައިލެންޑް” ކޮންސެޕްޓެއް ތަޢާރަފުކޮށް އެ ކޮންސެޕްޓުގެ އަމަލީ މަސައްކަތް ފަށާފައެވެ. މި ކޮންސެޕްޓުގެ ދަށުން ދެ އަތޮޅުން ލިބެން ހުރި ވަސީލަތްތައް ލުއި ފަސޭހަ ކަމާއިއެކު ހޯދުމަށް ރައްޔިތުންނަށް މަގުފަހި ވެގެންދާނެއެވެ.