English Edition
Dhivehi Edition
ޔުވެންޓަސްގެ މިހާރުގެ ކޯޗު އަންދްރެއާ ޕިރްލޯ. --ފޮޓޯ: ޔުވެންޓަސް.ކޮމް

ޔުވެންޓަސްގެ އައު ކޯޗު އަންދްރެއާ ޕިރްލޯގެ އިރުޝާދުގެ ދަށުން އިޓާލިއަން ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި 3-0 އިން ސަމްޕްޑޯރިއާ އަތުން މޮޅުވެއްޖެއެވެ.

ކޮވިޑް-19ގެ ސަބަބުން 2019/2020 ވަނަ އަހަރުގެ ސީޒަނުގެ ފަހުބައި އެއްވެސް ސަޕޯޓަރަކު ނުވައްދައި ކުޅެފައިވާއިރު، މި ފަހަރުގެ ސީޒަނުގެ ކޮންމެ މެޗެއްވެސް ކުޅެމުންދަނީ ދަނޑަށް ހާހެއްހާ ސަޕޯޓަރުން ކުޅިބަލަން ވައްދައިގެންނެވެ.

ރޭގެ މެޗަށް ޔުވެންޓަސް ނިކުތްއިރު އަނިޔާގެ ސަބަބުން އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑިބާލާ ނުކުޅޭއިރު، މި ފަހަރުގެ ސީޒަނަށް ބާސެލޯނާ އިން އެ ޓީމަށް ގެނައި ބްރެޒިލް މިޑްފީލްޑަރު އާތޫރް މެލޯ ފެށީ ބެންޗުންނެވެ.

ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެން 13 ވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ ސްވިޑެންގެ ޒުވާން ފޯވާޑް ޑެޔާން ކުލުސެވްސްކީ އެވެ. އޭގެފަހުން، މެޗުގެ 24 ވަނަ މިނެޓުގައި ޔުވެންޓަސްގެ ލީޑް ފުޅާކުރުމަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ޔުވެންޓަސް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ޔުވެންޓަސްގެ ޖިއަންލޫކާ ފްރަބޯޓާ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ސަމްޕްޑޯރިއާގެ ގޯލްކީޕަރު އެމީލް އޮޑޭރޯ މަތަކުރިއިރު، އޭގެފަހުން އެ ޓީމުގެ ރޮނާލްޑޯ އާއި ވެސްޓަން މެކިނީ ފޮނުވާލި ހަމަލާތަކުގައިވެސް ގޯލެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ.

ޔުވެންޓަސްއާ ސަމްޕްޑޯރިއާ ބައްދަލުކުރި މެޗުގެ ތެރެއިން. –ފޮޓޯ: ޔުވެންޓަސް.ކޮމް

އެކަމަކު، މެޗުގެ 78 ވަނަ މިނެޓުގައި އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ވަނީ ޔުވެންޓަސް އަށް ލަނޑެއްޖަހައިދީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. އަދި އޭގެ 10 މިނެޓުފަހުން، ޔުވެންޓަސްގެ ފަހު ލަނޑު، ވޭލްސްގެ ހުނަރުވެރި މިޑްފީލްޑަރު އާރޮން ރަމްސީ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ.

ސޮލާރީގެ އިރުޝާދުގެ ދަށުން ޔުވެންޓަސް ކުޅޭ ދެވަނަ މެޗުގައި އަންނަ އާދީއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި އޭއެސް ރޯމާއާ ދެކޮޅަށް ކުޅުމަށް ފަހު ޖެހިގެން އަންނަ ހަފްތާގައި އެޓީމު އަމިއްލަ ދަނޑުގައި ނުކުންނާނީ ނަޕޯލީއާ ދެކޮޅަށެެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އިޓަލީގެ ކުރީގެ މިޑްފީލްޑަރު ޖެނާރޯ ގަޓޫސޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ނަޕޯލީ ވަނީ ރަށުން ބޭރުގައި ޕާމާ އަތުން 2-0 އިން މޮޅުވެފައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޑްރީސް މާޓެންސް އާއި ލޮރެންޒޯ އިންސީނިއޭ އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި އޭސީ މިލާން ނިކުންނާނީ ބޮލޯނިއާއާ ދެކޮޅަށެވެ. މިލާންގެ ސެން ސީރޯގައި ކުޅޭ މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 23:45 ގައެވެ.