English Edition
Dhivehi Edition
ޗެންނާއީ ސުޕަކިންގްސްގެ ބެޓްސްމަން އަމްބަތީ ރައިޑޫ (ކ) މުމްބާއީ އިންޑިއަންސްއާ ދެކޮޅަށް ބެޓްކުރަނީ. --ފޮޓޯ: ކްރިކްއިންފޯ

މި ފަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މުމްބާއީ އިންޑިއާންސްގެ މައްޗަށް ވާދަވެރި ޗެންނާއީ ސުޕަކިންގްސް ކުރިހޯދައިފިއެވެ. މި މެޗުން ޗެންނާއީ މޮޅުވީ ފަސް ވިކެޓުންނެވެ.

ކުރީން އިންޑިއާގައި މިދިޔަ މާރިޗް މަހުގައި ބާއްވަން ހަމަޖެހިފައި އޮތް މުބާރާތް ކޮވިޑް-19ގެ ސަބަބުން ފަސްކުރުމަށްފަހު އޭގެފަހުން ވެސް އެ ގައުމުގައި ބޭއްވޭނެ ގޮތެއް ނެތުމުން، ސަޕޯޓަރުން ނުވައްދާ ކުޅެން ހަމަޖެއްސީ ޔޫއޭއީގައެވެ.

އަބޫ ދާބީގެ ޝެއިހު ޒާއިދު ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ޓޮސް ދިމާވުން ޗެންނާއީ އިން ގަސްދުކުރީ ހޮވަން އަރާށެވެ. އިންޑިއާގެ މުމްބާއީ އަށް ނިސްބަތްވާ މުމްބާއީ އިންޑިއަންސް އިން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 162 ލަނޑެވެ.

މެޗު ފެށިގެން ރަނގަޅަށް ކުޅެމުންދިޔަ މުމްބާއީގެ އޯޕަނިން ޕެއާ ކަމަށްވާ ކެޕްޓަން ރޯހިތު ޝަރްމާ އާއި ދެކުނު އެފްރިކާގެ ކުއިންޓަން ޑެ ކޮކް، ސްކޯ ބޯޑުގައި 48 ލަނޑު އޮއްވާ ގާތްގާތުގައި ނުބައިވުމުން މައްސަލަތައް ކުރިމަތިވެއެވެ. އެހެންނަމަވެސް، އޭގެފަހުން ކުޅެންއެރި ސޫރްޔަކުމާރު ޔާދަވް އާއި ސޯރަބް ތިވާރީގެ މަސައްކަތުން އެ ޓީމު ރަނގަޅު ސްކޯއަކާ ދިމާއަށް މިސްރާބު ޖަހާފައިވަނިކޮށް، މި ދެ ކުޅުންތެރިންވެސް ނުބައިވުމާއެކު ދެން ކުޅެން ނިކުތް ކުޅުންތެރިންނަށް މާބޮޑުކަމެއް ނުކުރެވުނެވެ.

ރޭގެ މެޗުގައި މުމްބާއީ އިން އެންމެ ރަނގަޅަށް ކުޅުނީ 31 ބޯޅައިން 42 ލަނޑުހެދި ތިވާރީގެ އާއި 20 ބޯޅައިން 33 ލަނޑުހެދި ވިކެޓްކީޕަރު ބެޓްސްމަން ޑެ ކޮކް އެވެ. އެ ޓީމުގެ ކެޕްޓަން ރޯހިތު ނުބައިވީ އެންމެ 12 ލަނޑަށެވެ. މި އިނިންގްސްގައި ޗެންނާއީ އިން އެންމެ ރަނގަޅަށް އުކީ ލުންގި އެންގީޑީ އާއި ދީޕަކް ޗަހާރް އަދި ރަވިންދްރަ ޖަދެޖާ އެވެ. އެންގީޑީ ތިން ވިކެޓްނެގިއިރު، ޖަދެޖާ އާއި ޗަހާރް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ. މީގެއިތުރުން، އިނގިރޭސިވިލާތުގެ ޒުވާން އޯލްރައުންޑަރު ސޭމް ކަރެންގެ ކުޅުން ފާހަގަކޮށްލެވެއެވެ.

ޖަވާބުގައި ކުޅެން އަރައި ޗެންނާއީ އިން މެޗު ކާމިޔާބުކުރީ 19.2 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 166 ލަނޑުހަދައިގެންނެވެ. އެ ޓީމަށް މި މެޗު ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރީ ކުރީން މުމްބާއީ އަށް ކުޅުނު ބެޓްސްމަން އަމްބަތީ ރައިޑޫ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ރައިޑޫ ވަނީ 48 ބޯޅައިން 71 ލަނޑުހަދާފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 44 ބޯޅައިން 58 ލަނޑުހެދި ދެކުނު އެފްރިކާގެ އިތުބާރު ބެޓްސްމަން ފަފް ޑު ޕްލެސިސް އެވެ. މީގެއިތުރުން، އޭނާ ވަނީ މުމްބާއީގެ ތިން ކުޅުންތެރިއަކު ނުބައިކޮށްލުމުގައިވެސް މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ދިއްލީ ކެޕިޓަލްސް ނިކުންނާނީ ކިންގްސް އިލެވަން ޕަންޖާބްއާ ދެކޮޅަށެވެ. ދުބާއީ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 19:00 ގައެވެ.