English Edition
Dhivehi Edition
މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ލަނޑުޖެހުމަށްފަހު ކްރިސްޓަލް ޕެލަސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ހައިރާންކުރަނިވި ގޮތަކަށް 3-1 އިން ކްރިސްޓަލް ޕެލަސް އަތުން ބަލިވިއިރު، އާސެނަލް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން މޮޅުވެފައެވެ.

މިއީ 2014 ވަނަ އަހަރުގެ ފަހުން ސީޒަނުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުގައި ހީކުރިގޮތާއި ހިލާފަށް ކުރީން ލީޑްނެގީ ޕެލަސް އިންނެވެ. މެޗުގެ ހަތްވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ އަންޑްރޮސް ޓައުންސެންޑް އެވެ. މިއީ އެ ޓީމުގެ ޖެފްރޭ ޝްލަޕް ނަގައިދިން ހުރަހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް އިތުރު ގޯލެއް ޖެހިފައިނުވާއިރު، މި ހާފު ނިމުނީ 1-0 އިން ޕެލަސް ކުރީގައިއޮވެގެންނެވެ.

ޕެލަސް އިން ލީޑް ފުޅާކުރީ، މެޗުގެ 74 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކުރީން ޔުނައިޓެޑަށް ކުޅުނު އައިވަރީ ކޯސްޓްގެ ވިލްފްރައިޑް ޒަހާ އެވެ. މިއީ ޔުނައިޓެޑްގެ ވިކްޓަ ލިންޑެލޯފްގެ އަތުގައި ޖެހުމުން ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ އެންމެ ފުރަތަމަ ޕެލަސްގެ ޖޯޑަން އަޔޫ ފޮނުވާލުމުން ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރިނަމަވެސް، އެ ޕެނަލްޓީ ފޮނުވާލުމުގެ ކުރީން ޑެ ހެއާ ކުރިއަށް ނިކުތްކަމަށް ނިންމައި ރެފްރީ ވަނީ އަލުން ޖެހުމަށް ބުނެފައެވެ. މި ފަހަރު ޒަހާ އެ ޕެނަލްޓީ ކާމިޔާބުކުރިއެވެ.

މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް ޔުނައިޓެޑްގެ ސުން ކަނޑުވާލައިދިނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމަށް އަލަށް ގެނައި ހަމައެކަނި ކުޅުންތެރިޔާ ނެދަލޭންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެން ޑެ ބީކް އެވެ. އެކަމަކު، އޭގެ ފަސް މިނެޓުފަހުން ޒަހާ ވަނީ އިތުރު ލަނޑެއްޖަހައި ޕެލަސް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ރޮއިޓާސް

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅެވުނު ލަންޑަން ޑާބީގައި ވެސްޓް ހޭމް ކޮޅަށް އެ ޓީމުގެ ފުރަތަމަ ލަނޑު، މެޗުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން ނަގައިދިން ރީތި ހުރަހަކުން އަލެކްސެންޑަ ލަކަޒޭ އެވެ. އޭގެފަހުން، ފުރަތަމަ ހާފު ނިމެންދަނިކޮށް ވެސްޓް ހޭމަށް ނަތީޖާ ހަމަހަމަކޮށްދިނީ މިޚައިލް އެންޓޯނިއޯ އެވެ. މިއީ އެ ޓީމުގެ ރަޔަން ފްރީޑްރިކްސް ނަގައިދިން ހުރަހަކުން އެންޓޯނިއޯ ކާމިޔާބުކުރި ގޯލެކެވެ.

ރޭގެ މެޗުން އާސެނަލް މޮޅުވި ލަނޑު، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ކުޅެން ނިކުތް ޒުވާން ފޯވާޑް އެޑީ އެންކީޓިއާ އެވެ. މިއީ އެ ޓީމުގެ ބުކާޔޯ ސާކާ އާއި ޑެނީ ސެބާޔޯސް ގުޅިގެން ތަނަވަސްކުރި ފުރުޞަތަކުން އެންކީޓިއާ ޖެހި ގޯލެކެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އެވަޓަން ލީގުގައި ކުޅުނު ދެވަނަ މެޗުގައި 5-2 ގެ ނަތީޖާއަކުން ވެސްޓް ބްރޮމްވިޗް އެލްބިއަން ބަލިކޮށްފައެވެ. އެވަޓަންގެ ފަސް ލަނޑުގެ ތެރެއިން ތިން ލަނޑުޖަހައިދިނީ ޑޮމިނިކް ކެލްވަޓް-ލުވިން އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑުޖަހައިދިނީ ދާދިފަހުން ރެއާލް މެޑްރިޑުން އެ ޓީމަށް ބަދަލުވި ކޮލަމްބިއާގެ ހުނަރުވެރި މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް އާއި މައިކަލް ކީން އެވެ. ވެސްޓް ބްރޮމްގެ ލަނޑުތައް ޖަހައިދިނީ ގްރޭޑީ ޑިއަންގާނާ އާއި މަތެއުސް ޕެރޭރާ އެވެ. މި މެޗުގައި ވެސްޓް ބްރޮމްގެ ޑިފެންޑަރު ކިއެރަން ގިބްސްގެ އިތުރުން އެ ޓީމުގެ ކޯޗު ސްލަވެން ބިލިޗް އަށް ވަނީ ރަތެއް ދައްކާފައެވެ.

ލީގުގައި ރޭ ކުޅެވުނު އަލަށް ޕްރޮމޯޓުވީ ދެ ޓީމުގެ ކުރިމަތިލުމުގައި ލީޑްސް ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 4-3 އިން ފުލަމް ބަލިކޮށް، 16 އަހަރަށްފަހު ޕްރިމިއާ ލީގަށް އެނބުރިއައިސް ފުރަތަމަ މޮޅު ހޯދާފައެވެ. މި ފަހަރުގެ ސީޒަނުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ލިވަޕޫލް އަތުން ބަލިވީ ވެސް 4-3 އިންނެވެ. އެ މެޗުގައި ލީޑްސް އިން ދެއްކި މޮޅު ކުޅުމުގެ ސަބަބުން އެ ޓީމަށް ވަނީ ގިނަ ބައެއްގެ ތައުރީފް އޮހިގެންގޮސްފައެވެ.