މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދާރުއްޒިކުރާ މިސްކިތް (ޒިކުރާ މިސްކިތް) ޢިމާރާތްކުރުމަށް އެސް.ޖޭ ކޮންސްޓްރަކްޝަން އާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ބުނާ މައްސަލަ ތަޙްޤީޤުކޮށް ނިންމައި، އެމައްސަލައިގައި ދަޢުވާކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް އިއްޔެ ފޮނުވައިފިއެވެ.
އެގޮތުން އެ މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރ، ޑޮކްޓަރ އަޙްމަދު ޒިޔާދު (ހަލަވެލި، ބ.އޭދަފުށި) އާއި، އޭރު އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި، އިބްރާހިމް ޢަބްދުﷲ ސަޢީދު (މ.މުޙައްމަދީއާބާދު، ކ.މާލެ) ގެ މައްޗަށެވެ.
އެ މައްސަލާގައި ކަންހިނގާފައިވާ ގޮތް ހާމަކުރަމުން އޭސީސީން ބުނީ، 1439ވަނަ އަހަރުގެ ރަމަޟާންމަހުގެ ކުރިން ޒިކުރާ މިސްކިތް ބޭނުންކުރެވޭ ވަރަށް އެ މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި އާންމުކޮށް ބީލަމަށް ހުޅުވާނުލައި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ހުއްދައަށް އެދި ދެފަހަރެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ސިޓީ ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ހުއްދަ ނުލިބެނީސް، ތިން ޕްރޮޕޯސަލްއެއްގެ މަޢޫލޫމާތު ހިމަނައި އެ ތިންފަރާތުގެ ޕްރޮޕޯސަލްގެ ތެރެއިން ސަރުކާރަށް އެންމެ ލުއި ގޮތް ހުށަހަޅާފައިވަނީ އެސް.ޖޭ ކޮންސްޓްރަކްޝަނުން ކަމަށް ބަޔާންކޮށް، އެ ޕްރޮޕޯސަލްތަކުގެ މަޢުލޫމާތު ރައީސުލްޖުމުހުރިއްޔާގެ އޮފީހަށް އިސްލާމިކް މިނިސްޓްރީން ފޮނުވާފައި ވަނީ. މި ޕްރޮސެސްއަކީ ކޮމްޕެޓިޓިވް ޕްރޮސެސްއެއްކަން ދައްކަންކަމަށް ތަޙްޤީޤަށް ޤަބޫލުކުރެވޭ ކަމަށް އޭސީސީން ބުންޏެވެ.
މީގެ އިތުރުން އޭރު އިސްލާމިކް މިނިސްޓަރގެ މަޤާމުގައި ހުރި ޑޮކްޓަރ އަޙްމަދު ޒިޔާދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވާފައިވާއިރު، އެ ޕްރޮޕޯސަލްތަކަކީ ކިހިނެއް، ކޮންގޮތަކަށް ހޯދާފައިވާ ޕްރޮޕޯސަލްތަކެއްކަން އެ މިނިސްޓްރީގެ ރެކޯޑްތަކުން އެނގެން ނެތުމުންނާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީގައި އާންމުކޮށް ކަންކުރާ އުޞޫލު ނޫންކަމާއި، އަދި އިސްލާމިކް މިނިސްޓްރީއިން އެފަދަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވާ އެއްވެސް މުވައްޒަފަކު އެ ޕްރޮޕޯސަލްތައް ހޯދުމުގައި ބައިވެރިވެފައިނުވާކަން ތަޙްޤީޤަށް އެނގިފައިވާތީ، އެމަސައްކަތް ޙަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަޙުޤީޤުގައި ހޯދާފައިވާ ކިތާބީ ހެކިތަކުންނާއި، ޝަފަޙީ ހެކިތަކުން ސާބިތުކުރެވޭތީ، ޑޮކްޓަރ އަޙްމަދު ޒިޔާދު (ހަލަވެލި، ބ.އޭދަފުށި) ގެ މައްޗަށް ގާނޫނު ނަންބަރު 9/2014 ދިވެހި ރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 512 ވަނަ މާއްދާ އާއި 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމީ ކަމަށްވެސް އޭސީސީން ބުންޏެވެ.
އަދި އެ އެއްބަސްވުމުގައި ހުރި ކަންކަމަށް ބަލާއިރު، ދަޢުލަތަށް ފައިދާއެއް ވާންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކޮށްފައިވާކަމަށް ތަޙްޤީޤަށް ފާހަގަކުރެވޭތީއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުގެ ފަރާތުން އެ އެއްބަސްވުމުގައި ޑޮކްޓަރ އަޙްމަދު ޒިޔާދު ސޮއިކޮށްފައިވާތީ، އެކަމުގެ ސަބަބުން ދަޢުލަތަށް ބޮޑެތި ގެއްލުން ލިބި، އެސް.ޖޭ ކޮންސްޓްރަކްޝަންއަށް ނަޖާއިޒް ފައިދާ ލިބިފައިވާތީ، ޑރ. ޒިޔާދުގެ މައްޗަށް ޤާނޫނުލް އުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ދައުވާކޮށް ދިނުމަށް އެދި ޕީޖީގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް އޭސީސީން ހާމަކުރެއެވެ.
މީގެ އިތުރުން ޒިކުރާ މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ޕްރޮޕޯސަލްތައް ހޯދާފައިވާއިރު، އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ޙައިސިއްޔަތުން އިބްރާހީމް ޢަބްދުﷲ ސަޢީދު އެސް.ޖޭ ކޮންސްޓްރަކްޝަންއަށް އެ މަޝްރޫޢު ޙަވާލުކުރުމަށް މަސައްކަތްކޮށްފައިވާތީ އާއި ޒިކުރާ މިސްކިތް ޢިމާރާތްކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި އެސް.ޖޭ ކޮންސްޓްރަކްޝަންއާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށް، އިބްރާހީމް ޢަބްދުﷲ ސަޢީދު ބިން ޙަވާލުކުރާ ލިޔުމުގައި ސޮއިކޮށް، ޒިކުރާ މިސްކިތް ހުރި ބިން އެސް.ޖޭ ކޮންސްޓްރަކްޝަންއާ ޙަވާލުކޮށްފައިވާތީއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ 04 މާރިޗު 2018ގެ ސިޓީގައި ބަޔާންކޮށްފައިވާގޮތަށް އެސް.ޖޭ ކޮންސްޓްރަކްޝަންގެ ޕްރޮޕޯސަލްގައި ޒިކުރާ މިސްކިތް ޢިމާރާތްކޮށްދިނުމަށް އެފަރާތުން ހިމަނާފައިވަނީ، އެ މަޢުލޫމާތުތައް އެފަރާތަށް އިބްރާހީމް ޢަބްދުﷲ ސަޢީދު ދީގެންކަމަށް ބެލެވޭ ކަމަށް އޭސީސީން ބުނެފައިވެއެވެ.
އަދި އިބްރާހީމް ޢަބްދުﷲ ސަޢީދު އާއި އެސް.ޖޭ ކޮންސްޓްރަކްޝަންއާ ދެމެދު މަސްލަޙަތު ފުށުއަރާފަދަ ގުޅުން އޮންނަކަން ތަޙްޤީޤަށް ފާހަގަކުރެވޭތީ އާއި، ޒިކުރާ މިސްކިތް ޢިމާރާތްކުރުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގައި ކޮންމެހެން ބޭނުންވާނެ މަޢުލޫމާތުތައް ހިމަނާފައިނުވާއިރު، އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ޙައިސިއްޔަތުން އިބްރާހީމް ޢަބްދުﷲ ސަޢީދު އެ ޕްރޮޕޯސަލްތަކާ ގުޅޭ ޓެކްނިކަލް ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓުގައި އެސް.ޖޭ ކޮންސްޓްރަކްޝަންއަށް އެ މަސައްކަތް ޙަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ބަޔާންކޮށްފައިވަނީ އެކުންފުންޏަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށްކަން ތަޙްޤީޤު ސާބިތުވާތީ، އިބްރާހިމް ޢަބްދުﷲ ސަޢީދުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުވާކޮށް ދިނުމަށް އެދި ޕީޖީގެ އޮފީހަށް ފޮނުވުމަށް ނިންމީ ކަމަށްވެސް އޭސީސީން ބުންޏެވެ.