English Edition
Dhivehi Edition

ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ގެންދާ ޖަނަރޭޓަރު ސެޓްތައް ހިފައިގެން ދަތުރުކުރި ކޮޅުވެއްޓިއެއް ފަރަށް އަރައިގެން އުޅޭކަމުގެ ވާހަކައަކީ ތެދު ވާހަކަތަކެއް ކަމަށް ފެނެކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ފެނަކައިން މިކަން ހާމަކޮށްފައިވަނީ އެ ކުންފުނީގެ މުދާތައް އަރުވައިގެން ދަތުރިކުރި ކޮޅުވެއްޓި ފަރަށް އަރާފައިވާކަމަށާއި އޭގައި ހުރި މުދާތައް ހަލާކުވަމުންދާކަމަށް ބުނެ ގިނަ ބަޔަކު ކުރަން ފެށި ޓުވިޓްތަކާއި ގުޅުގެންނެވެ،

ފެނަކައިގެ ޖަނަރޭޓަރ، ކޭބަލް އަދި ޕެނަލް ބޯޑުތައް ހިފައިގެން ހއ އަށް ދަތުރުކުރަނިކޮށް، ހެވީލޯޑް ކޮޅުވެއްޓި ށ. ނިލަންދޫ އިރުމަތީ ފަރަށް އަރާފާއި އޮންނަތާ 5 ދުވަސްވެފައިވާކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަކުރައްވަމުން ސައީދު ވިދާޅުވީ އެ ކޮޅުވެއްޓީގައި ހުރި މުދާތައް ބޭލުމުގެ މަސައްކަތް އެމްޓީސީސީއާއި ގުޅިގެން ފަށާފައިވާކަމަށެވެ.

މި ސާމާންތައް ރަށްރަށަށް ގެންދިއުމަށް އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފައިވާކަން ފާހަގަކޮށް ސައީދު ބުނީ މުދާ އަރުވައިގެންދިޔަ ކޮޅުވެއްޓި ފަރަށްއެރުމާއެކު އެ ކުންފުނީގެ ފަރާތުން ކޮޅުވެއްޓި ފުންކުރުމުގެ މަސައްކަތް ފެށިކަމަށާއި އެހެންނަމަވެސް ތިން ދުވަސް ވެގެން ދިޔައިރުވެސް އެކަަމަށް އެކަށީގެންވާ ހައްލެއް ލިބިފައިނުވާކަމަށެވެ. އެހެންކަމުން މިހާރު އެ ކޮޅުވެއްޓީގައި ހުރި ފެނަކައިގެ މުދާތައް ބޭލުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ފަރަށް އެރި ކޮޅުވެއްޓީގައި ހއ. އިހަވަންދޫ، ދިއްދޫ އަދި ފިއްލަދޫއަށް ގެންދާ 3 ޖަނަރޭޓަރު ހުރިއިރު ބާރަށަށް ގެންދާ ކޭބަލްތަކެއްވެސް އެ ކޮޅުވެއްޓީގައި ހުއްޓެވެ،