އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގައި ބާކީ ހުރި މެޗުތަައް ޗައިނާގައި ދެއްކުމަށް ޓެންސެންޓް ސްޕޯޓްސް އާއެކު އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
މީގެކުރީން، ޕްރިމިއާ ލީގުގެ މެޗުތައް ޗައިނާގައި ސްޓްރީމް ކުރަން ރައިޓްސް ދީފައި އޮތީ ޕީޕީޓީވީއާ އެކު އެވެ. އެކަމަކު ޕީޕީޓީވީއާ އެކު ހަދާފައި އޮތް އެއްބަސްވުން ކުއްލި ގޮތަކަށް މި މަހު ކުރީކޮޅު ވަނީ އުވާލައިފަ އެވެ.
މި ފަހަރުގެ ޑީލްގެ ތެރެއިން، ލީގުގައި ކުރިއަށް އޮތް 372 މެޗު ޓެންސެންޓްގެ ސްޓްރީމިން އަދި ނިއުސް ޕްލެޓްފޯމްގެ ޛަރިއްޔާއިން ލައިވްކޮށް ބަލާލުމުގެ ފުރުޞަތު އެ ގައުމުގެ ގިނަ ބަޔަކަށް ލިބިގެންދާނެއެވެ.
ޓެންސެންޓް ސްޕޯޓްސް އާއެކު ސޮއިކުރީ ކޮންޓްރެކްޓްގެ އަގެއް ހާމަކޮށްފައިނުވީނަމަވެސް، ކުރީން ޗައިނާގެ ރީޓެއިލް ގްރޫޕް ސުނިންގްގެ ޕީޕީލައިވް ސްޕޯޓްސް އިންޓަނޭޝަނަލް އާއެކު ޕްރިމިއާ ލީގުން 700 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރީ 2019 އިން 2022 ގެ ނިޔަލަށް ކޮންމެ ސީޒަނެއްގެ 380 މެޗު ދެއްކުމަށެވެ. އަދި ޕީޕީޓީވީއާއެކު ހެދި އެއްބަސްވުން އުވާލަން ނިންމީ ސިޔާސީ ކަމެއްގެ ސަބަބުން ނޫންކަމަށް ވެސް މީޑިއާ ހަބަރުތައް ބުނެއެވެ.
ޓެންސެންޓް ސްޕޯޓްސް އާއެކު ލީގުގެ މެޗުތައް ދެއްކުމުގެ އިންތިޒާމްތައް ހަމަޖެހުމުން ޕްރިމިއާ ލީގުގެ ޗީފް އެގްޒެކެޓިވް ރިޗަޑް މާސްޓާސް ބުނީ އިނގިރޭސިވިލާތުގެ ގިނަ ކްލަބުތަކެއްގެ ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ޗައިނާގައި އުޅޭ ކަމަށާއި، މި ޑީލްގެ ތެރެއިން ޓެންސެންޓްއާ ގުޅިގެން ޕްރިމިއާ ލީގުގެ ޗައިނާ ސަޕޯޓަރުންނާއި ހުރިހާ ސަޕޯޓަރުންނަށް ވަރަށް ހާއްސަ މުޅީން އައު ކަންތައްތަކެއް ރޭވިފައިވާ ކަމަށެވެ.
ޗައިނާގައި ލީގުގެ މެޗުތައް ދެއްކުމަށްޓަކައި ޓެންސެންޓް އާއެކު މި ހެދީ ޑީލްގެ ސަބަބުން ޕްރިމިއާ ލީގަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އެބައޮތެވެ. އެއީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ސަބަބުން އިންގްލެންޑްގައި ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން ޖެހޭތީ ކްލަބްތަކަށް ލިބޭ އާމްދަނީގެ ތެރެއިން ވަރަށް ބޮޑު މިންވަރެއް ނުލިބޭތީވެ، ޗައިނާ ފަދަ ޕްރިމިއާ ލީގުގެ ބޮޑު މާކެޓަކުން އާމްދަނީއެއް ނުލިބޭނަމަ ކްލަބްތަކަށް މާލީގޮތުން އިތުރު މައްސަލަތައް ކުރިމަތިވެދާނެތީވެއެވެ.