ޔުއެފާ ޔުރޮޕާ ލީގުގެ ކޮލިފައިންގެ ދެވަނަ ބުރުގައި ރޭ ރަށުން ބޭރުގައި ބަލްގޭރިއާގެ ލޮކޮމޯޓިވް ޕްލޮވްޑިވް 2-1 އިން ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާ އަނެއް ބުރަށް ދަތުރުކުރިއިރު، އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ޔޫރަޕްގެ މުބާރާތްތަކުގައި 100 މޮޅު ހަމަކޮށްފައެވެ.
މިއާއެކު މޮރީނިއޯ ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސަރ އަލެކްސް ފާގަސަން އާއި ކާލޯ އަންޗެލޮޓީގެ އިތުރުން ޔަޕް ހޭންކެސް އަދި ޖިއޮވާނީ ޓްރެޕަޓޯނީ އާއި ރަފައެލް ބެނީޓޭޒް އަށްފަހު ޔޫރަޕްގައި 100 މޮޅު ހަމަކުރި ހަވަނަ ކޯޗުގެ ޝަރަފު ހޯދާފައެވެ. މި ލިސްޓުގެ އެންމެ ކުރީގައި ފާގަސަން އުޅެނީ ޔުނައިޓެޑާއެކު ހޯދީ 141 މޮޅާއެކުއެވެ.
މޮރީނިއޯގެ 100 މޮޅުގެ ތެރެއިން، 80 މެޗު ކާމިޔާބުކޮށްފައިވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައެވެ. އަދި އޭގެއިތުރުން، ޔުރޮޕާ ލީގުގެ 10 މެޗުން މޮޅުވެފައިވާއިރު، ޔުއެފާ ކަޕްގެ ނަމުގައި ކުޅުނު ދުވަސްވަރު ހޯދީ 8 މޮޅާއި، ޔުރޮޕާ ލީގުގެ ކޮލިފައިންގައި ޓޮޓެންހަމް އާއެކު ހޯދީ ދެ މޮޅެވެ. މީގެއިތުރުން، މޮރީނިއޯ 100 މޮޅު ހަމަކޮށްފައިވަނީ އޭނާގެ އިރުޝާދުގެ ދަށުން އެކި ޓީމުތައް ކުޅުނު 185 މެޗުގެ ތެރެއިންނެވެ. އޭގެތެރޭގައި ހިމެނޭ އަނެއް 85 މެޗުގެ ތެރެއިން، 43 މެޗުން ބަލިވެފައިވާއިރު، 42 މެޗުން އެއްވަރުވެފައިވެއެވެ.
ލޮކޮމޯޓިވްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ކާމިޔާބުކޮށްފައިވަނީ ފަހު ހާފުގައެވެ. ރޭގެ މެޗުގައި ހީކުރިގޮތާ ހިލާފަށް ކުރީން ލީޑްނެގީވެސް ލޮކޮމޯޓިވް އިންނެވެ. މެޗުގެ 72 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ޖޯޖީ މިންޗޭވް އެވެ.
ލޮކޮމޯޓިވް އިން ލީޑްނެގިތާ ނުވަ މިނެޓުފަހުން ޓޮޓެންހަމް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އިންގްލެންޑްގެ ފޯވާޑް ހެރީ ކޭން އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން ލޮކޮމޯޓިވްގެ ޑިނީސް އަލްމޭޑާ ބޯޅައިގައި އަތްލުމުން އޭނާ އަށް ސީދާ ރަތެއް ދެއްކުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.
އޭގެފަހުން، އެ ޓީމުގެ އިތުރު ކުޅުންތެރިއަކުވެސް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. ޓޮޓެންހަމް މޮޅުވި ލަނޑު، މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ފްރާންސްގެ މިޑްފީލްޑަރު ޓެންގީ އެންޑޮމްބެލޭ އެވެ.
މި މުބާރާތުގެ ކޮލިފައިންގެ ދެވަނަ ބުރުގައި ރޭ ކުޅުނު އަނެއް މެޗުގައި އިޓަލީގެ އޭސީ މިލާން ވަނީ އަޔާލެންޑްގެ ޑަބްލިންގައި ޝޭމްރޮކް ރޯވާސް އަތުން 2-0 އިން މޮޅުވެ ތިންވަނަ ބުރަށް ދަތުރުކޮށްފައެވެ. ރޭގެ މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަބަދަށްފެހި ފޯވާޑް ޒްލަޓަން އިބްރާހިމޮވިޗް އާއި ހަކާން ޗާހަނޮގްލޫ އެވެ.