މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ސަބަބުން މުޅި ދުނިޔޭގެ ފުޓްބޯޅަ އާމްދަނީ އަށް ލިބޭ ގެއްލުމުގެ އަދަދު 11 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ބުނެފިއެވެ.
އެގޮތުން، މި ބަލިމަޑުކަމާ ގުޅިގެން ފީފާގެ މެމްބަރު ގައުމުތަކަށް މާލީގޮތުން ދިމާވި ދަތިތަކުން އަރައިގަތުމުގައި އެހީތެރިވެދިނުމަށްޓަކައި އެ އިދާރާގެ ރިލީފް ފަންޑުގެ ދަށުން 150 އަށް ވުރެ ގިނަ ގައުމަކަށް 1.5 ބިލިއަން ޑޮލަރުގެ ލޯން އެހީ ދީފައިވެއެވެ.
ފީފާގެ ކޮރޯނާވައިރަސް ސްޓިއަރިން ކޮމިޓީގެ ޗެއާމަން އޮލީ ރެއިން ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން މެމްބަރު ގައުމުތަކަށް މާލީގޮތުން ގެއްލުންތައް ކުރިމަތިވީ، ފުޓްބޯޅަ ޝެޑިއުލްތައް އަވަސް އަރުވާލައިގެން ރާވަން ޖެހުމުންނާއި ކުޅިބަލަން ސަޕޯޓަރުން ނުވައްދައި ދަނޑުތަކުގައި މެޗުތައް ކުޅެން ޖެހުމުން ފުޓްބޯޅައިގެ ޓީވީ ރައިޓްސް ޑީލްތަކުގެ އަގު ދަށްވުމާ އެކު އެހެނިހެން ގޮތްގޮތުން ލިބޭ ގެއްލުން އިތުރުވެފައިވާތީ ކަމަށެވެ.
އަދި މި ގެއްލުންތަކުގެ ސަބަބުން އަންނަ އަހަރުގެ ފުޓްބޯޅައިގެ ހަރަކާތްތަކަށް ވެސް އަސަރު ކުރާނެ ކަމަށާއި، އެހެންކަމަށްވުމާއެކު ފީފާގެ އެހީގައި މެމްބަރު ގައުމުތަކުން ކުރާ ކޮންމެ ކަމެއް ވެސް ފަރުވާތެރިކަމާއެކު ކުރުމަކީ އެންމެ ބޮޑު އިސްކަމެއްދޭ ކަމެއްގެ ގޮތުގައި ބަލައިގަތުމަށްވެސް ރެއިން ވިދާޅުވިއެވެ.
ރެއިން އިތުރަށް ވިދާޅުވީ ވަކިވަކި ބައްރުތަކަށް ބަލާއިރު އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވީ ޔޫރަޕްގެ ގައުމުތަކަށް ކަމަށްވީ ނަމަވެސް، ދެކުނު އެމެރިކާ ސަރަހައްދުގެ ގައުމުތަކަށް ކޮވިޑް-19ގެ ސަބަބުން ކުރިމަތިވީ ގެއްލުންތައް ވަކި ކުޑައެއް ނޫން ކަމަށެވެ. އަދި ޔޫރަޕުން ލޯން އެހީ ނެގި ގައުމުތަކުން ބޮޑު އިންވެސްޓެއް ކުރީ އެ ގައުމުތަކުގެ ފުޓްބޯޅަ ލީގުތަކަށް ކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން، މެކްސިކޯ އަށް އެހީގެ ގޮތުގައި ދިން 1.5 މިލިއަން ޑޮލަރު އެ ގައުމުގެ އަންހެނުންގެ ލީގަށް ހަރަދުކޮށްފައިވާއިރު، ބްރެޒިލަށް ދިން ފައިސާ އިން އަންހެނުންގެ ކުޅިވަރު ތަރައްގީ ކުރުމަށް ބޭނުންކޮށްފައިވެއެވެ. އަދި އެހީގެ ގޮތުގައި ދިން ފައިސާ އިން އުރުގުއޭ އިން ވަނީ ކޮވިޑް-19ގެ ސަބަބުން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ކުރިން ވަކިކުރެވުނު މުވައްޒަފުންނަށް އަލުން ވަޒީފާދިނުމަށްޓަކައި ބޭނުންކޮށްފައެވެ.