English Edition
Dhivehi Edition
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިނުގެ ފުލްބެކް ސާޖިއޯ ރެގީލޯން. --ފޮޓޯ: ގެޓީ އިމޭޖަސް

ނިމިދިޔަ ސީޒަނުގައި ސެވިއްޔާ އަށް ކުޅުނު ސްޕެއިނުގެ ޒުވާން ފުލްބެކް ސާޖިއޯ ރެގީލޯން ގެންދަން މެންޗެސްޓާ ޔުނައިޓެޑުން މަޝްވަރާތައް ފަށައިގެން ކޮޅެއްގައި ނުޖެހިގެން އުޅެނިކޮށް، ޓޮޓެންހަމް ހޮޓްސްޕާ އިން އެ ޑީލްގެ ތެރެއަށް ވަދެ އެ ކުޅުންތެރިޔާ ގެނައުމަށް އެއްބަސްވުމަކަށް އަތުވެއްޖެކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރެއާލް މެޑްރިޑްގެ ލޯން އެއްބަސްވުމެއްގެ ދަށުން މިދިޔަ ސީޒަނުގައި ސެވިއްޔާ އާއެކު ޔުރޮޕާ ލީގު ކާމިޔާބުކުރި ރެގީލޯންގެ ސޮއި ހޯދުމަށް އެ ކްލަބުން ވެސް މަސައްކަތްކޮށްފައިވީނަމަވެސް، އެ ރޭހުގައި މިހާރު ކުރިހޯދާފައިމިވަނީ ޓޮޓެންހަމުންނެވެ.

އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރެގީލޯން ދޫކޮށްލަން ރެއާލުން ތައްޔާރަށް އޮތް ނަމަވެސް ޔުނައިޓެޑަށް ހުރަސްތައް ކުރިމަތިވީ ރެއާލުން ކޮންޓްރެކްޓްގައި އިތުރު މާއްދާއެއް ހިމަނާން ޑިމާންޑްކުރުމުންނެވެ. ރެއާލުން ބޭނުންވަނީ ރެގީލޯން ވިއްކާލުމަށްފަހު ތިން އަހަރު ފަހުން އޭނާ ބޭނުންނަމަ ކަނޑައެޅޭ ވަކި އަގެއްގައި އަލުން ރެއާލަށް އައުމުގެ އިހްތިޔާރު ލިބޭގޮތަށް ކޮންޓްރެކްޓްގައި އެ މާއްދާ ހިމަނާށެވެ. ނަމަވެސް، ޔުނައިޓެޑުން މިގޮތަށް އެއްބަހެއްނުވިއެވެ. މިއާއެކު، ޓޮޓެންހަމުން މި ޑީލްގެތެރެއަށް ވަދެ ރެއާލުން ބޭނުންވާގޮތަށް އެއްބަސްވުމުން ރެގީލޯން އެ ޓީމަށް ބަދަލުވުމުގެ އެންމެހާ އިންތިޒާމެއް ވަނީ ހަމަޖެހިފައެވެ.

ރެއާލްގެ ޔޫތު އެކަޑެމީގައި އުމުރުން 8 އަހަރުގައި ކުޅެން ފެށި ރެގީލޯން ވަނީ 2015 އިން 2017 އަށް ސްޕެއިނުގެ ތިންވަނަ ޑިވިޝަނުގެ ލޮގްރާނޭސް އަށް ލޯން އެއްބަސްވުމެއްގެ ދަށުން ދެ ފަހަރެއްގެ މަތީން ކުޅެފައެވެ. އަދި އޭގެފަހުން ނިމިދިޔަ ސީޒަނުގައި ރެއާލް އަދި ސްޕެއިނުގެ ކުރީގެ ކޯޗު ހުލެން ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސެވިއްޔާގައި މޮޅު ކުޅުމެއްވަނީ ދައްކާފައެވެ.

މިހާރު އުމުރުން 23 އަހަރުގެ ރެގީލޯން ވަނީ ނިމިދިޔަ ސީޒަނުގައި ސެވިއްޔާ އަށް ކުޅެދިން 38 މެޗުގައި ތިން ލަނޑުޖަހައި، އިތުރު ފަސް ގޯލްޖެހުމަށް އެހީތެރިވެދީފައެވެ. އޭގެކުރީން، އޭނާ ވަނީ ރެއާލްގެ ސީނިއާ ޓީމަށް 22 މެޗު ކުޅެފައެވެ. މީގެއިތުރުން، ލުއިސް އެންރީކޭ އެންމެ ފަހުން އެކުލަވާލި ސްޕެއިނުގެ ގައުމީ ޓީމުގައި ހިމެނި، އޭނާ ވަނީ މިހާތަނަށް އެއް މެޗު ކުޅެފައެވެ.

ރެގީލޯންގެ އިތުރުން ރެއާލަށް ކުޅެމުން އަންނަ އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ގަރެތު ބޭލް ގެނައުމަށްޓަކައި އެ ކްލަބާއެކު ޓޮޓެންހަމުން މަޝްވަރާތައް ފަށާފައިވާކަމަށް ވެސް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް، މި ޑީލް އިތުރަށް ކުރިއަށްގެންދިއުމުގައި ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކަށްވެގެންދާނީ ބޭލްގެ މުސާރަ ކަމަށާއި، ކުރިން ބެލެވިފައި އޮތީ ލޯން އުސޫލުން އެހެން ކްލަބަކަށް ބަދަލުވާނަމަ ރެއާލުން އޭނާގެ މުސާރައިގެ ދެބައިކުޅަ އެއްބައި ދޭގޮތަށް ކަމަށްވީނަމަވެސް، މިހާރު އެ ކްލަބުން ބޭނުންވަނީ ދާއިމީ އެއްބަސްވުމެއްގައި ބޭލް ދޫކޮށްލަންކަމަށް ވެސް ބައެއް ހަބަރުތައް ބުނެއެވެ.

ނިމިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ގެއްލުނު ޓޮޓެންހަމުން ވަނީ މި ފަހަރުގެ ސީޒަނަށް ރެއާލް ބެޓިސް އިން ލޯން އުސޫލުން އެ ޓީމަށް ކުޅެމުން އައި އާޖެންޓީނާގެ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯގެ އެއްބަސްވުން ދާއިމީކޮށް، ވުލްވްސް އިން މެޓް ޑޮހާޓީ އާއި ސައުތެމްޓަންގެ ޕިއޭ-އެމީލް ހޮއެބިއޭ ގެނެސްފައެވެ.