English Edition
Dhivehi Edition

އައްޑޫ ސިޓީ މަރަދޫފޭދޫ އަދި މަރަދޫގެ ނަރުދަމާ މަޝްރޫޢުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމުމަށްފަހު ފެނަކަ ކޯޕަރޭޝަން ލިމިޓަޑް އާއި ހަވާލުކޮށްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފިއެވެ

އެމްޓީސީސީއިން ބުނީ މަސައްކަތުގެ ބޮޑު ބައެއް ނިންމުމަށްފަހު ފެނަކަ ކޯޕަރޭޝަން ލިމިޓަޑް އާއި ހަވާލުކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށާއި މިގޮތުން ސ. މަރަދޫ އަދި ސ. މަރަދޫފޭދޫގެ ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހުރިހާ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ސ. ފޭދޫގެ ސީއައުޓްފޯލްގެ ރެކްޓިފިކޭޝަން މަސައްކަތްކަމަށް އެމްޓީސީސީ އިންވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ދަށުން ސ. މަރަދޫފޭދޫ އަދި ސ. މަރަދޫގައި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ނިންމައި ފެނަކަ ކޯޕަރޭޝަން ލިމިޓަޑާއި ހަވާލު ކުރުމުގެ
ކުރިން، އެދެ ރަށުގެ ޕަމްޕިންގ ސްޓޭޝަން، ޕެނަލް ބޯޑްސް އަދި ޓްރާންސްފަރ ސްޓޭޝަންތައް އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަން އަދި ކޮންސަލްޓެންޓުންގެ ޓީމުން
ބަލައި ފާސްކޮށްފައިވެއެވެ.އަދި މި ދެ ރަށުގައި 289،10 މީޓަރުގެ ހޮޅި ވަޅުލައި، ސ. މަރަދޫގެ ޓްރާންސްފަރ ސްޓޭޝަންގައި 720 މީޓަރުގެ ސީއައުޓްފޯލްއެއް ޤާއިމުކޮށްފައިވެއެވެ. މީގެއިތުރުން، އެމްޓީސީސީގެ ޕްރޮޖެކްޓްސް ޓީމުގެ ފަރާތުން ފެނަކަ ކޯޕަރޭޝަން ލިމިޓަޑުގެ މުވައްޒަފުންނަށް ނަރުދަމާ ނިޒާމް ބެލެހެއްޓުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ތަމްރީނުކުރުމުގެ ސެޝަންތަކެއް ބާއްވާފައިވެއެވެ.

އައްޑޫގެ ފަސް ރަށެއްގައި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ 2017 ވަނަ އަހަރުފެބްރުއަރީ 29 ވަނަ ދުވަހުއެވެ. ރައީސް ޔާމީންގެ ސަރުކާރުން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަސައްކަތް ދިގުލައިގެން ގޮސް މި މަސައްކަތަށް ތިން އަހަރު ވަނީ ހޭދަވެފައެވެ.

މި މަޝްރޫޢުއަކީ ދިވެހި ސަރުކާރާއި އޯޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަނޓް (އޮފިޑް) ލޯންއެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ ދިވެހި 130,650,218.90 ރުފިޔާއެވެ. މި މަޝްރޫޢުގެ ދަށުން 38 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމުކުރެވޭނެއެވެ. އަދި 3387 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބެހެއްޓޭނެއެވެ. މި މަޝްރޫޢު ނިމޭއިރު ސ. މަރަދޫ، ސ. މަރަދޫފޭދޫ އާއި ސ. ފޭދޫގައި ނަރުދަމާގެ ޚިދުމަތް ޤާއިމުވެ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބިސީތަކާއި މުއައްސަސާތަކަށް ނަރުދަމާގެ ޚިދުމަތް ގުޅާދެވޭނެއެވެ.

މި މަޝްރޫޢު އެއްކޮން ނިންމާލުމަށް ތާވަލުކޮށްފައިވަނީ ޑިސެމްބަރ 2020 ގެ ނިޔަލަށެވެ