English Edition
Dhivehi Edition

ހައި ކޯޓުގެ ދެކުނު ގޮފީގައި ތިއްބެވި ތިން ފަނޑިޔާރުން ތިން މަސްދުވަހަށް މާލޭގައި ހުންނަ ހައިކޯޓަށް ބަދަލުކުރުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ކޯޓް އަމުރެއްގައި އަންގާފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ދެކުނު ގޮފީގެ ފަނޑިޔާރުން މާލޭގެ ހައި ކޯޓުގައި މަސައްކަތް ކުރައްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. ތިން ފަނޑުޔާރުން ބަދަލުކޮށްފައިވަނީ މާލޭގައި ޤާއިމުވެފައި ހުންނަ ހައިކޯޓަށް ހުށައެޅިފައިވާ މައްސަލަތައް ނުނިމި ގިނަ ދުވަސްވަމުންދާތީ، ހައިކޯޓްގެ ދެކުނު ގޮފީގެ މަސައްކަތްތައް ނުހުއްޓޭނެގޮތަކަށެވެ.

މިއަހަރުގެ މިހާތަނަށް ހައި ކޯޓުގައި 500 އަށް ވުރެ ގިނަ މައްސަލަތައް އެބަހުރި ކަމަށާއި މި އަހަރު ނިޔަލަށް ނިންމަންޖެހޭ މައްސަލަތައް ބަލައި ނިންމުމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އައްޑޫގައި ހުންނަ ހައި ކޯޓުގެ ދެކުނު ގޮތްޕަށް ކަނޑައަޅާފައި ތިއްބަވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

މާލޭގެ ހައި ކޯޓުގައި މިވަގުތު މަސައްކަތް ކުރައްވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.