English Edition
Dhivehi Edition

ހައިކޯޓު ދެކުނު ގޮފީގެ ފަނޑިޔާރުން މާލޭގައި މަސައްކަތް ކުރުމުގެ މުއްދަތު ހަމަވުމުން އެނބުރި އައްޑުއަށް ވަޑައިގަތުމަށް އަންގަވައިފި އެވެ.

ދެކުނު ގޮފީގެ ތިން ފަނޑިޔާރުން މާލޭ ހައިކޯޓުގައި މަސައްކަތް ކުރައްވަން ވަޑައިގެންނެވީ ސުޕްރީމް ކޯޓުގެ އެންގުމަކަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ނަވާވީސް ވަނަ ދުވަހު ސްޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ދެކުނު ގޮފީގައި ތިއްބެވި ތިން ފަނޑިޔާރުން ތިން މަސް ދުވަހަށް މާލޭގެ ހައި ކޯޓުގައި މަސައްކަތްކުރައްވާ ގޮތަށް ހަމަޖައްސަވާ އަމުރުނެރެފައެވެ.

ސްޕްރީމްކޯޓުގެ އަމުރުގައިވާ ގޮތުން އެގޮތަށް ހަމަޖެއްސީ ގިނަ ދުވަސްވެފައިވާ މައްސަލަތައް މާލޭގެ ހައި ކޯޓުގައި ގިނަ އަދަދަކަށް ހުރުމުންނެވެ. މާލޭގެ ހައި ކޯޓުގައި 500 އަށް ވުރެ ގިނަ މައްސަލަ ނުނިމި ހުރިއިރު އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް ކަމަށް އެ އަމުރުގައިވެ އެވެ.

ސުޕްރީމް ކޯޓުން އަންގާފައި ވަނީ ސެޕްޓެމްބަރު މަހުން ފެށިގެން ފަނޑިޔާރުން ތިން މަހު މާލޭ ހައިކޯޓުގައި މަސައްކަތް ކުރެއްވުމަށެވެ. އެ މުއްދަތު ޑިސެމްބަރަށް ވަނީ ހަމަވެފަ އެވެ.

އައްޑޫގައި ހުންނަ ހައި ކޯޓުގެ ދެކުނު ގޮތްޕަށް ކަނޑައަޅާފައި ތިއްބަވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

ދެކުނު ގޮފިން ބަލާނީ އައްޑު އާއި ފުވައްމުލަކާއި ގދ. އަދި ގއ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ އިސްތިއުނާފް މައްސަލަތަކެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ބުނީ އެ ތިން ފަނޑިޔާރުން ވެސް އިއްޔެ އައްޑުއަށް ވަޑައިގަތުމުގެ އިންތިޒާމުތައް އެ އެޑްމިނިސްޓްރޭޝަނުން ހަމަޖައްސާފައިވާ ކަމަށެވެ.