ފުވައްމުލައް ސިޓީގެ ކައުންސިލު މެމްބަރުން ގއ. އަތޮޅު ކައުންސިލުގެ މެމްބަރުންނާއި މިއަދު ބައްދަލުކޮށްފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ހާމަ ކުރި ގޮތުގައި އެ ކައުންސިލްގެ އިދާރާގައި ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދެ ކައުންސިލުގެ ހިންގުން ކުރިއަށް ގެންދާ ގޮތް ބަލާ ދެ އަތޮޅު ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމެވެ. ދެ އަތޮޅުގެ ރައްޔިތުން އެކި ބޭނުން ތަކަށް ދެ އަތޮޅަށް ޒިޔާރަތްކޮށް ހަދާއިރު މި ބައްދަލުގައި އެކަމަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ދެ އަތޮޅު ދެމެދުގައި ދަތުރުފަތުރުގެ ނިޒާމެއް ގާއިމު ކުރުމަށްޓަކައި މަޝްވަރާކުރެވުނު ކަމަށްވެސް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.
ފުވައްމުލަކުގައި ލޯކަލް ޓޫރިޒަމް ކުރިިއަރަމުން އަންނަ އިރު އެ ސިޓީގައި މި މަސައްކަތް އިތުރަށް ތަރައްޤީ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން ދެ ކައުންސިލް ދެމެދުގައި ފަހުމުނާމާއެއް ގާއިމުކުރުމާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ރަށުގެ ތަރައްޤީ އަށް ގިނަ މަސައްކަތެއް ކުރަމުން އަންނަ އިރު ރަށުގެ ރައްޔިތުންނަށް ލުއިފަސޭހަ ވާނެ ފަދަ ގޮތްތަށް ހޯދުމަށް އެހެން އަތޮޅު ތަކާއި ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.