English Edition
Dhivehi Edition
ޖަޕާނުގެ ނައޯމީ އޮސާކާ ޔޫއެސް އޯޕަން ތައްޓާއެކު. --ފޮޓޯ: އޭއެފްޕީ

ބެލަރޫސްގެ ވިކްޓޯރިއާ އަޒަރެންކާ ބަލިކޮށް ޖަޕާނުގެ ނައޯމީ އޮސާކާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ތަށި ދެވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.

2013 ވަނަ އަހަރުގެ ފަހުން ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރުކުރި އަޒަރެންކާ މިފަހަރުގެ ޔޫއެސް އޯޕަން ފައިނަލުން ޖާގަ ހޯދީ، ސެމީގައި މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް އަތުން ތިން ސެޓް ކުޅެގެން ކުރިހޯދައިގެންނެވެ. އެ މެޗުގެ ފުރަތަމަ ސެޓް 6-1 އިން ސެރީނާ ގެންގޮސްފައިވަނިކޮށް، އަޒަރެންކާ ފަހު ދެ ސެޓް ގެންދިޔައީ 6-3, 6-3 އިންނެވެ.

މި މުބާރާތުގައި ހަތަރުވަނަ އަށް ސީޑްކުރެވިފައިވާ އޮސާކާ ފައިނަލަށް ދަތުރުކުރީ ސެމީގައި އެމެރިކާގެ ޖެނިފާ ބްރޮޑީއާ ދެކޮޅަށް ކުޅުނު މެޗު ތިން ސެޓް ކުޅެގެން، 7-6، 3-6 އަދި 6-3 އިން ކުރިހޯދައިގެންނެވެ.

ނިއު ޔޯކްގެ އާތަ އޭޝް ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓް 6-1 އިން އަޒަރެންކާ ގެންގޮސްފައިވަނިކޮށް، އޮސާކާ ވަނީ މެޗުގެ ތެރެއަށް އެނބުރިއައިސް ދެން ޖެހިގެންއައި ދެ ސެޓް 6-3 އަދި 6-3 އިން ކާމިޔާބުކޮށްގެންނެވެ.

ރޭގެ މެޗު ކާމިޔާބުކޮށް އުމުރުން 22 އަހަރުގެ އޮސާކާ ވަނީ ކެރިއަރުގައި މިހާތަނަށް ކުޅުނު ގްރޭންޑް ސްލޭމް ތިން މުބާރާތުގެ ފައިނަލްގައިވެސް ކާމިޔާބު ހޯދާފައެވެ. މީގެކުރީން، އޭނާ ވަނީ 2018 ވަނަ އަހަރުގެ ޔޫއެސް އޯޕަންގެ އިތުރުން 2019 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފައެވެ.