English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ފޯރިފަދަ މެޗުގައި މިސްރުގެ މުހައްމަދު ސަލާހް ކާމިޔާބުކުރި ހެޓްރިކާއެކު މި ފަހަރުގެ ސީޒަނަށް އަލަށް ޕްރޮމޯޓުވި ލީޑްސް ޔުނައިޓެޑް އަތުން 4-3 އިން ލިވަޕޫލް މޮޅުވެއްޖެއެވެ.

16 އަހަރުގެ މެދުކެނޑުމަކަށްފަހު ޕްރިމިއާ ލީގަށް އެނބުރިއައި ލީޑްސް ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއްދައްކައި، ލިވަޕޫލްގެ ޑިފެންސްލައިނަށް މައްސަލަތައް ކުރިމަތިކޮށްފައެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ލީޑްނަގައިދިނީ ސަލާހު އެވެ. މިއީ ލީޑްސްގެ ޑިފެންޑަރު ރޮބިން ކޮޗްގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެ އަށް މިނެޓުފަހުން ލީޑްސް އަށް ނަތީޖާ ހަމަހަމަކުރި ޖެކް ހެރިސަން ވައްދާލި ލަނޑުންނެވެ.

އޭގެފަހުން، މެޗުގެ 20 ވަނަ މިނެޓުގައި އެންޑްރޫ ރޮބަޓްސަން ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ލިވަޕޫލަށް ދެވަނަ ފަހަރަށް ލީޑްނަގައިދިނީ ނެދަލެންޑްސްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް އެވެ. އޭގެ 10 މިނެޓުފަހުން، ޕެޓްރިކް ބެމްފޯޑް ކާމިޔާބުކުރި ގޯލުން ލީޑްސް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްފައިވަނިކޮށް، މެޗުގެ 33 ވަނަ މިނެޓުގައި ސަލާހު ވައްދާލި ލަނޑާއެކު ލިވަޕޫލުން ފުރަތަމަ ހާފު ނިންމާލީ 3-2 އިން ކުރީގައިއޮވެގެންނެވެ.

ރޭގެ މެޗުގައި ލީޑްސް އިން ތިންވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ، 66 ވަނަ މިނެޓުގައި ހެލްޑާ ކޮސްޓާ ދިން ބޯޅައަކުން ޕޯލެންޑްގެ މަޓެއުޒް ކްލިޗް އެވެ. މިއީ ލިވަޕޫލްގެ ޕެނަލްޓީއޭރިޔާތެރެއިން އެއްފަހަރުން ފޮނުވާލި ހަމަލާއަކުން ކްލިޗް ކާމިޔާބުކުރި ރީތި ގޯލެކެވެ. މި ނަތީޖާގައި އޮވެގެން މެޗު ނިމެންދަނިކޮށް، މެޗުގެ 88 ވަނަ މިނެޓުގައި ލިވަޕޫލަށް ލިބުނު ޕެނަލްޓީއަކުން ސަލާހު ވަނީ ހެޓްރިކް ފުރިހަމަކޮށް, އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މިއީ ލިވަޕޫލްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް އަށް ލީޑްސްގެ ސްޕެއިން ފޯވާޑް ރޮޑްރީގޯ މޮރޭނޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ސައުތެމްޓަން އަތުން އަމިއްލަ ދަނޑުގައި 1-0 އިން ކްރިސްޓަލް ޕެލަސް މޮޅުވިއިރު، ނިއުކާސަލް ޔުނައިޓެޑް ވަނީ ރަށުން ބޭރުގައި 2-0 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފައެވެ.

ލީގުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގައި، ލެސްޓާ ސިޓީން ރަށުން ބޭރުގައި ވެސްޓް ބްރޮމްވިޗް އެލްބިއަންއާ ދެކޮޅަށް ނިކުންނައިރު، އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާ ނިކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.