English Edition
Dhivehi Edition
އައްޑޫ ނޭޗަރ ޕާކު ސަރަޙައްދުން ޤަވާއިދާ ޚިލާފަށް ވެލި ނަގާފައި - ފޮޓޯ: އައްޑޫ ނޭޗަރ ޕާކު

އައްޑޫ ސިޓީ ހިތަދޫން ޤަވާއިދާ ޚިލާފަށް ވެލި ނެގި ތިން މީހަކު ޖޫރިމަނާކޮށްފިއެވެ.

އައްޑޫ ސިޓި ކައުންސިލުން މިއަދު ބުނީ ޤަވާއިދާ ޚިލާފަށް ތަކުރާރުކޮށް އެކި ފަހަރު މަތިން ހިތަދޫގެ އެކި ސަރަޙައްދުތަކުން ވެލި ނަގާފައިވާ ތިން މީހަކު 4،000ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެގޮތުން ކައުންސިލުން ޖޫރިމަނާކޮށްފައި ވަނީ ހިތަދޫ، ޑިސެމްބަރުގެ އިބްރާހިމް ޢަލީ އާއި މުޙައްމަދު ޝަރުމީލް އެވެ.

މީގެ އިތުރުން އެ މައްސަލައާ ގުޅިގެން އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކުވެސް ޖޫރިމަނާކޮށްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

އެމީހުން ޖޫރިމަނާކުރި ކަން އަންގައި އެމީހުންނަށް ފޮނުވި ސިޓީތަކުގައި ކައުންސިލުން ވަނީ އެފަދަ ޢަމަލެއް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވެފައެވެ.

މީގެ އިތުރުން ޖޫރިމަނާގެ ފައިސާ 10 ދުވަހުގެ ތެރޭގައި ހިތަދޫ އަވަށު އޮފީހަށް ދެއްކުމަށް އަންގާފައިވާއިރު، އެ އެންގުމާއި ޚިލާފުވެއްޖެނަމަ ލާމަރުކަޒީ ޤާނޫނުގެ 140 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށްވެސް ސިޓީތަކުގައި ބަޔާންކޮށްފައި ވެއެވެ.

ކައުންސިލުން ބުނީ އައްޑޫގެ ބައެއް ސަރަޙައްދުތަކުން ޤަވާއިދާ ޚިލާފަށް ވެލި ނަގަމުންދާކަން ފާހަގަވެފައިވާ ކަމަށާއި، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުން އެކަންކަން ހުއްޓާލުމަށް އިލްތިމާސްކުރާ ކަމަށެވެ.